މުސްލިމުންގެ ތައުލީމީ ނިޒާމުގެ ތާރީޚީ ކުރިއެރުން - 2

އަދި ކީއްތޯއެވެ. އިލްމު ހާސިލުކުރާންވީ އެއަށްވުރެ މާމަތިވެރި މަޤުޞަދެއްގައެވެ. އަރަހުށި މާތްﷲގެ ޒާތުފުޅާއި އެކަލާނގެ ސިފަފުޅުތައް ދެނެގަތުމަށެވެ. ތިމާއަށްލިބޭ ޢިލްމުގެ ޒަރީއާއިން މާތްﷲއަށް ބިރުވެތިވުމަށެވެ. މާތްﷲ ގެ ހުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންވެވޭނީ އެކަލާނގެ ޒާތުފުޅު މައުރިފާވެގެންނެވެ. އަރަހުށި މާތްﷲ އަށް ބިރުވެތިވެވޭނީވެސް އެކަލާނގެ ރަސްކަންފުޅު ދެނެގަނެވިގެންނެވެ. ފާފަތަކުން ރައްކާތެރިވެވޭނީވެސް އޭރުންނެވެ. ނުބައިކަންތައްތަކުން އެއްކިބާވެގެންވާ ހެޔޮލަފާ މުޖުތަމައެއް ބިނާކުރެވޭނީ ވެސް އެމުޖުތަމައެއްގެ އަފުރާދުންނަކީ ޢިލްމުލިބިގެންވާ ބަޔަކު ކަމުގައިވެގެންނެވެ. އަންނަނިވި މާތް އާޔަތުގައި ވަޙީކުރައްވައިފައިވާ ފަދައިންނެވެ.
" ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ޢިލްމުވެރީންނެވެ. ހަމަކަށަވަރުން ﷲއީ އަޒީޒުވަންތަ އަދި ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލަނގެއެވެ. " ( ފާޠިރު:28)
ޢިލްމާނުލައި މީހަކަށް ފުރިހަމަ މުސްލިމަކަށް ވެވޭނެނަމަ އަރަހުށި މާތްﷲ އިލްމު ހޯދުމުގެ މައްޗަށް މިހައިބޮޑަށް ފަށްފަށް ކުރައްވައި ބާރެއް ނޭޅުއްވީހެވެ. ޝައްކެއްނެތެވެ. އަޅުތަކުންގެ ސަލާމަތްއޮތީ ޢިލްމާއި، އީމާނާއި ސާލިހު އަމަލުތަކުންނެވެ.
ޢިލްމުގެ އަހައްމިއްޔަތު – ނަބަވީ އިރުޝާދުގައި
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުގައިވެސް ތައުލީމުގެ އަހައްމިއްޔަތުގެ މައްޗަށް ވަނީ މަތިމައްޗަށް ބާރުއަޅުއްވައިފައެވެ. ޢިލްމުގެ މާތްކަން ވަރަށް ސަރީހަކޮށް ބަޔާންކޮށްދެއްވައިފައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތައް ޖަމާކުރެވިފައިވާ ޞަޙީހު ފޮތްތަކުގައި މުޙައްދިޘުން ވަނީ ޢިލްމުގެ މާތްކަމުގެ ވާހަކަ ބަޔާންކުރެއްވުމުގެ ބާބުތައް އެކުލަވައިލައްވައިފައެވެ. މިގޮތުން ޞަހީހު އިބްނު މާޖާގައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
" ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ." ( އިބްނު މާޖާ:224)
އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅަކީ އިސްލާމީ ދައުލަތް ބިނާކުރެއްވުމުގެ ބުރަމަސައްކަތްޕުޅުގެ މަރްހަލާއެވެ. އަދުއްވުންގެ ހަމަލާތަކުގެ ނުރައްކާ މުސްލިމުންގެ ބޯމަތީން އަބަދުމެ ހޯރައަޅަމުން ދިޔަދުވަސްވަރެވެ. އަބަދުމެ ދިފާއަށް ތައްޔަރުވެ ހަތިޔާރުއަޅައިގެން ތިބޭންޖެހިފައިއޮތް ދުވަސްވަރެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެނާޒުކު ވަގުތުގައިވެސް މުސްލިމުންނާ މުޚާތަބުކުރައްވައި އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ.
"ތިޔަބައިމީހުންގެ އަނބިދަރީންގެ ގާތަށް ދާށެވެ. އެބައިމީހުންގެ ގާތުގައި ތިބޭށެވެ. އެމީހުންނަށް ދީނުގެ ކަންކަން ދަސްކޮށްދޭށެވެ. އެކަންކަމަށް އަމަލުކުރާން އަމުރުކުރާށެވެ." (ބުޚާރީ : 63)
ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ބަސްފުޅެއްގައިވެއެވެ.
" ޢިލްމާއި ޙިކުމަތަކީ މުއުމިނާގެ ގެއްލިފައިވާ މުދަލެކެވެ. އެހެންކަމުން ފެނުނު ކޮންމެތަނަކުން އެލިބިގަތުން އެންމެ ޙައްގުކަން ބޮޑީ އޭނާއެވެ. (އިބްނު މަޖާ-ބާބުލްޙިކްމަތި )
އެހެން ބަސްފުޅެއްގައިވެއެވެ.
" ޢިލްމު ހާޞިލްކުރުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމީހަކަށް އަރަހުށިމާތްﷲ ސުވަރުގެއަށް ދާނެ މަގެއް ފަސޭހަކޮށްދެއްވާހުއްޓެވެ. " (ތިރުމިޒީ:54)
"ޢިލްމު ހޯދުމަށްޓަކައި ނިކުމެއްޖެމީހާ އެނބުރިއަތުވެއްޖަ އުމަށް ދާންދެން އޭނާ އެވަނީ މާތްﷲގެ މަގުގައެވެ." (ތިރުމިޒީ:544)
ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ އިރުޝާދުތަކުގެ މައްޗަށް ނަޒަރު ހިންގާއިރު ފެންނަނީ ހަމައެކަނި ކިޔުމަށް ބާރުއަޅުއްވައިފައިވާތީއެއްނޫނެވެ. އަދި ކީއްތޯއެވެ. ލިޔުމަށްބާރުއަޅުއްވައި ލިޔަން އިރުޝާދު ދެއްވައިފައިވާތީވެސް ފެނެއެވެ.
އަންސާރިއްޔަ ބޭކަލުންކުރެބޭކަލެއް އިތުރުސާހިބާގެ މަޖްލިސްތަކުގައި ބައިވެރިވެވަޑައިގެން ޙަދީޘްފުޅުތައް އަޑުއައްސަވައި ދަސްކުރައްވަމުން ގެންދެވިއެވެ. އެކަމަށް ވަރަށްބޮޑަށް ޝައުގުވެރިކަން ބެހެއްޓެވިއެވެ. ނަމަވެސް ޙަދީޘްފުޅުތައް ހަނދުމަފުޅުގައި ހަރުލައެއްނުހުރެއެވެ. މިދެންނެވި ސަހާބީ އެކަމާ ބެހޭގޮތުން ކައުސާހިބާގެ އަރިހުގައި ޝަކުވާކުރެއްވިއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ.
" އޭ މާތްﷲގެ ރަސޫލާއެވެ. އަޅުގަނޑު ކަލޭގެފާނުގެ ޙަދީޘް ފުޅުތައް އަޑުއަހައި ދަސްކުރަމެވެ. އެއީ އަޅުގަނޑުވަރަށް ކުރާހިތްވާކަމެކެވެ. އެކަމަކު އެބަސްފުޅުތައް އަޅުގަނޑުގެ ހަނދާނުގައި ހަރުލައެއް ނުހުރެއެވެ." ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ވިދާޅުވިއެވެ."ތިބާގެ ކަނާތުން އެހީ ހޯދާށެވެ." އެހެން ވިދާޅުވުމާއެކު އަތްޕުޅުން ލިޔުއްވުމަށް އިޝަރާތްކުރެއްވިއެވެ. (ތިރުމިޒީ: 560)
ކައުސާހިބަގެ ބަސްފުޅުގައިވާގޮތުން އަރަހުށި މާތްﷲ މީހަކަމެދު ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ކަންތައްތައް ފަހުމުކޮށްދެއްވައެވެ. (ބުޚާރީ:72)
ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ އިރުޝާދުފުޅުތަކުގައި އަދިވެސް ވެއެވެ.
"މީހަކު ޢިލްމު ހާސިލުކުރުމުގެ މަގުގައި ހިނގާނަމަ އަރަހުށި މާތްﷲ ސުވަރުގެ ދިޔުމުގެ މަގުތަކުގެ ތެރެއިން މަގެއްގައި އޭނާ ހިންގުއްވަވައެވެ. ޝައްކެއްނެތެވެ. ޢިލްމު ހޯދާން އެދޭމީހާ އުފާކުރެއްވުމަށްޓަކައި މަލާއިކަތުންގެ ފިޔަފުޅުތައް ފަތުރުއްވަވައެވެ. އުޑުތަކާއި ބިންތަކުގައި ވާހައި ތަކެއްޗެއް ޢިލްމުވެރިޔާއަށް މަޣުފިރަތު އެދި ދުޢާ ކުރެއެވެ. ފެންފެންގަނޑުގައިވާ މަސްތަކަށް ދާންދެނެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން އިތުރުވެގެންވަނީ ހުރިހައި ތަރިތަކެއްގެ މައްޗަށް ހަނދުގެ އަލިކަން ފެތުރި އިތުރުވެގެންވާ ފަދައިންނެވެ. ޝައްކެއްނެތެވެ. ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ.ނަބީބޭކަލުން ވާރުތަ ކޮށްދެއްވާ އެއްޗަކީ ޢިލްމެވެ. ޢިލްމު ހާޞިލްކޮށްފިމީހާ އެހުރިހައި ތަރިކައެއް ލިބިގެންފިއެވެ. " ( އަބޫ ދައޫދު: 244)
ބަޔާވެގެންދިޔަ ހުރިހައި ބަސްފުޅުތަކަކީވެސް ވަރަށް މާނަ ތަނަވަސް ބަސްފުޅުތަކެކެވެ. ޢިލްމުގެ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުވައިދޭ ބަސްފުޅުތަކެކެވެ.
ތޫޫނިސްގެ ޖާމިއާ އައްޒައިތޫނާ .މިއީ އިސްލާމީ ދުނިޔޭގައި ބިނާކުރެވުނު އެންމެ ފުރަތަމަ ޔުނިވަރުސިޓީ އެވެ. ދުނިޔޭގައި ވެސް އެންމެ ފުރަތަ އިމާރާތް ކުރެވުނު ޔުނިވަރުސިޓީ އެވެ. މިޔުނިިވަރުސިޓީ ހުޅުވުނީ ހިޖުރައިން 120 ގައެވެ. (މީލާދީން 727 ގައެވެ) މިއީ އިލްމީ މައިދާނުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ަދަރަޖަ މަތިވެރިކަމުގެ ސާބިތު ހެއްކެކެވެ.
ތައުލީމް – ނަބަވީ ދައުރުގައި
މަޝްހޫރު ރިވާޔަތްތަކުގައި ވާގޮތުން އިސްލާމްދީނުގެ ނަބިއްޔާ ނަބީކަަމައިގެން ފޮނުއްވިއިރު މައްކަގައި ތިބީ ލިޔަންކިޔަން ދަންނަ މުޅިއެކު ސަތާރަ މީހުންނެވެ. މީސްތަކުން ޢިލްމާދިމާޔަށް ކުރިމަތިކުރުވީ އިސްލާމްދީނެވެ. ކައުސާހިބާ ސައްލަﷲއަލައި ވަސައްލަމައަކީ މުއައްލިމެކެވެ. އެމާތްސާހިބަ އަމިއްލަފުޅަށް ޢިލްމު އުނގަންނައި ދެއްވިއެވެ. އެމާތްސާހިބާގެ އެކުވެރީން އެކަމުގައި ބައިވެރިކުރެއްވިއެވެ. މަދީނާއަށް ހިޖްރަކުރެއްވުމުގެ ކުރީން މަދީނާއަށްވެސް މުއައްލިމަކު ފޮނުއްވިއެވެ. ޤުރްއާން ކިޔަވައިދެއްވައި ދީނީ ޢިލްމުތައް ފެތުރުއްވިއެވެ. މަދީނާއަށް ހިޖްރަކުރައްވައި އަލްމަސްޖިދުއް ނަބަވީ ބިނާކުރެއްވުމަށްފަހު އެމިސްކިތްކޮޅުގައި އުނގަންނައި ދެއްވުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުން ޞުއްފާ ހެއްދެވިއެވެ. ސުއްފާގައި ކިޔަވައިދެއްވާނެ ބޭކަލުން އައްޔަން ކުރެއްވިއެވެ. މިޒަމާނުގެ ޔުނިވާސިޓީކެމްޕަސްތަކުގައި މާދިރީއަކީ ސުއްފާއޭ ދެންނެވިދާނެއެވެ. ސުއްފާގައި ތިއްބަވާ ބޭކަލުންނަކީ ޢިލްމު ހާޞިލްކުރައްވަން ޚާއްޞަ ވެވަޑައިގެން ތިއްބަވާ ބޭކަލުންނެވެ. އެބޭކަލުންގެ ފަރީއްކޮޅުގެ ކަންތައްވެސް އިންތިޒާމްކޮށް ބެލެހެއްޓީ އިސްލާމީ ދައުލަތުންނެވެ. ސުއްފާގެ އިތުރަށް މަދީނަގެ ކޮންމެ މިސްކިތަކީ ވެސް ފުރިހަމަ ދަރުސްގާހެކެވެ. ބޭރުބަސްތައް ދަސްކުރެއްވުމަށާއި ބޭސްވެރިކަމުގެ ޢިލްމީ މަސައްކަތްޕުޅަށް ސަހާބީންނާއި ސަހާބިއްޔާއިން ޚާއްޞަ ކުރެއްވިއެވެ. ސަހާބީންނަށް އަސްކަރީ ތަރުބިޔަތުދެއްވިއެވެ. ހަނގުރަމައިގެ ހުނަރުތަކާއި، ޙިކުމަތްތަކާއި އަޚްލާޤީ އުސޫލުތައް އޮޅުންފިލުއްވައިދެއްވިއެވެ.
އިސްލާމީ ލަޝްކަރުފަތަހަކުރާ ތަންތަނަށް މުޢައްލިމުން ފޮނުއްވިއެވެ. އެތަންތާގައި ޢިލްމުގެ އަލިކަން ފެތުރުއްވުމަށްޓަކައެވެ. ކައުސާހިބާ ސައްލަﷲ އަލައިވަސައްލަމަ ވަނީ ޢިލްމު ފެތުރުއްވުމަށްޓަކައި އެޒަމާނުގައި ލިބޭންހުރި ހުރިހައި ވަސީލަތްތަކެއް ބޭނުން ކުރައްވައިފައެވެ. ބަދުރުހަނގުރާމައިގައި ހައްޔަރުވި މުޝްރިކުންގެތެރޭގައި ތިބި ލިޔަންކިޔަން ދަންނަމީހުންކުރެ ފިދުޔަ ދެވޭވަރުގެ ތަނަވަސްކަން ނެތް މީހުންގެ ފިދުޔަކީ މަދީނާގެ ދިހަކުއްޖަކަށް ލިޔަން ކިޔަން ދަސްކޮށްދިނުންކަމުގައި ހަމަޖެއްސެވިއެވެ. ޢިލްމަށް ދެއްވި އަހަންމިއްޔަތުގެ ސަބަބުން ގައިދީންގެ ފުށުން އަތުވެދާނެ ސިޔާސީ ނުރައްކަލަކަށް ވެސް ފަރުވާލެއްނުބަހައްޓަވައެވެ.
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ