އައްޑޫ އާ ހޮސްޕިޓަލްގެ މައްސަލާގައި ހެލްތު މިނިސްޓަރު ޒުހޫރު މަޖިލީހަށް ހާޒިރު ކުރަނީ

އައްޑޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މައްސަލާގައި ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ. މި މައްސަލަ އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ. އެ ތިން މެމްބަރުން ސޮއި ކުރައްވައި ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އައްޑޫގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ މަސައްކަތަކީ މި އަހަރުގެ ބަޖެޓުގައި ވެސް ހިމެނިފައިވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ހުއްޓާލެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރޮޒައިނާ ވިދާޅުވީ އެ މައްސަލަ މިހާރު އޮތީ އެޖެންޑާ ވެސް ކޮށްފައި ކަމަށާއި ޕީޕީއެމުން އެ މައްސަލަ ބޭރު ނުކޮށްފި ނަމަ ރަނގަޅު ކަމަށެވެ. "މިކަމާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އައްޑޫގެ މެމްބަރުން ކުރެން މިކަން ހިނގާފައިވާ ގޮތާ ހޮސްޕިޓަލްގެ މަޝްރޫއު ހުއްޓާލީތޯ ނުވަތަ ނޫންތޯ އާއި މި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް މަޖިލިސް މެދުވެރިކޮށް އޮޅުން ފިލުވައިދިނުމަށް އެދިފައި އެވެ." އެމްޑީޕީ މެމްބަރުން ހުށަހެޅުއްވި މައްސަލައިގައިވެ އެވެ. އައްޑޫ އާ ހޮސްޕިޓަލް މަޝްރޫއު ހުއްޓާލި ކަމަށް އަޑު ފެތުރިފައި ވަނީ ދާދިފަހުން ހެލްތު މިނިސްޓަރު އައްޑު އަށް ކުރެއްވި ދަތުރާ ވެސް ދިމާކޮށެެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވިދާޅުވީ އާ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި މިނިސްޓްރީގެ ފަރާތުން އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލް ޑިޒައިންކޮށް ނިމުނު އިރު، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ހަރަދެއް ހޮސްޕިޓަލަށްދާ ކަމަށެވެ. އެހެންވެ އެ ފައިސާ ހޯދުމާ ބެހޭ ވާހަކަތައް ވެސް ދެކެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ. މި ހޮސްޕިޓަލަކީ އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް (އޯފިޑް) އިން ދޭ 8.5 މިލިއަން ޑޮލަރާއި ސައޫދީ ފަންޑުން ދޭ 12.5 މިލިއަން ޑޮލަރުގެ ލޯންގެ އެހީގައި އިމާރާތް ކުރަން ނިންމާފައިވާ ހޮސްޕިޓަލެކެވެ. އަދި މިތަނުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ ދައްކަނީ 2005 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ