ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާ، އަބްދުﷲ ގާޒީ ހައްޔަރުކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ފަސީހް ވިދާޅުވެއްޖެއެވެ.
ފަސީހް މިހެން ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތޮލްހަތާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ހެކިބަސް ދެމުންނެވެ.
ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ރައީސް ނަޝީދު ނިންމެވިކަން ތޮލްހަތް އޭނާއަށް އެންގީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުންގެ އިދާރާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ކަމަށާ، އަދި ނަޝީދު ނިންމެވި ގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށް ތޮލްހަތް އެބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށެވެ.
ފަސީހް ވިދާޅުވީ ފުލުހުން ޖިނާއި މައްސަލަތައް ތަހުޤީގު ކުރަމުންދާތީ ފުލުހުން ވަރަށް ގިނައިން ކްރިމިނަލް ކޯޓަށް ދާންޖެހޭ ކަމަށާ، އަބްދުﷲ ގާޒީގެ އަމަލުތަކާއި ގުޅިގެން ފުލުހުންގެ އިސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅުއްވާ ކަމަށެވެ. އަދި ފުލުހުންނަށް ދިމާވާ މިފަދަ މައްސަލަތައް ރައީސް ނަޝީދަށް ހިއްސާ ކުރައްވަމުން ގެންދެވި ކަމަށާ، ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރަން ފުލުހުން އެދިފައި ނުވާނެ ކަމަށްވެސް ފަސީހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރެވިދާނެތޯ ކުރީގެ ހޯމް މިނިސްޓަރު ޙަސަން އަފީފުވެސް ސުވާލުކުރެއްވި ކަމަށާ، ނަމަވެސް ހައިކޯޓުގެ އަމުރެއް ނެތި އެކަން ކުރެވެން ނެތް ކަމަށް އަފީފުއަށް ދެންނެވި ކަމަށެވެ.
ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅައިދެއްވުމަށް އެދިވަޑައިގެން ފުލުހުންގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިދިނުމަށް ތޮލްހަތް އެދިވަޑައިގަތުމުން އެފަދަ ސިޓީއެއް ފުލުހުން ފޮނުވި ކަމަށާ، ނަމަވެސް އެސިޓީގައިވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށްދިނުމަށް އެދިފައި ނުވާނެ ކަމަށެވެ.
ޝަރީއަތުގެ މިއަދު އަޑުއެހުމުގައި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް އަތީފްވެސް ވަނީ ތޮލްހަތާއި ދެކޮޅަށް ހެކިބަސްދީފައެވެ. އަތީފްވެސް މައިގަނޑު ގޮތެއްގައި ދެއްކެވީ ފަސީހް ދެއްކެވި ވާހަކަތަކެވެ. އަތީފްވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ފުލުހުންގެ ދައުރެއް ނޯންނާނެ ކަމަށެވެ.
ފަސީހްއާއި އަތީފްގެ ހެކިބަސް ނެގުމަށްފަހު ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޖާއު އުސްމާނު ވިދާޅުވީ މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ފަސީހްއާއި އަތީފްގެ ހެކިބަސް ވަކިވަކިން ނެގުމަށްފަހު ފަނޑިޔާރުން މިދެބޭފުޅުންނާ އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ.
ނަޝީދު އަމުރުކުރުމުން އަބްދުﷲ ގާޒީ ހައްޔަރުކުރީ ތޮލްހަތް: ފަސީހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ