މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ސ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ޤައުމީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެން ފަހުން އެމްޑީޕީއަށް ސޮއިކުރެއްވި އާދިލް ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް މިއަދު އެޕާޓީއަށް ސިޓީ ފޮނުވާފައިވާކަމަށެވެ.
އާދިލް އެމްޑީޕީން ވަކިވެވަޑައި ގެންނެވުމަށް މިއަދު ސިޓީ ފޮނުވާފައި މިވަނީ އާދިލް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައި ގަންނަވަން އުޅުއްވާ ވާހަކަ މީޑިއާގައި ފެންމަތިވެފައި ވަނިކޮށެވެ. ނަމަވެސް އާދިލް އަދިއެކަން ކަށަވަރުކޮށެއް ނުދެއްވައެވެ.
އާދިލް މިއަދު އެމްޑީޕީން ވަކިވެވަޑައި ގެންނެވިއިރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި ޑީއާރްޕީގެ ޓިކެޓްގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އަލްހާން ފަހުމީވެސްވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަލްހާން އެމްޑީޕީ ވަކިވެވަޑައިގެންފައިވަނީ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި އެމްޑީޕީގެ ނައިބު ރައީސްކަމުން ދުރުކޮށްފައި ވަނިކޮށެވެ.
ޝިފާޤް މުފީދް އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިއިރު އަލްހާން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއަށެވެ.
އާދިލް އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރައްވައި އެމްޑީޕީގެ މެމްބަރުގެ އަދަދުވަނީ 25 ށް ވެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ