ނާޒިމްގެ މައްސަލަ އަވަސް ކުރުމުގެ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފް ޝަރީއަތް އަވަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ. ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު އޭގެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުން ނުބާއްވަ އެވެ. އެ މައްސަލަ ހައި ކޯޓުން ހުއްޓުމަކަށް އައީ އެ މައްސަލަ ބަލަން އެކުލަވާލި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައި ކޯޓުގެ ދެކުނު ގޮއްޕަށް އައްޔަންކޮށްފައިވާތީ އެވެ. ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުލަހާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ އަވަސްކުރަން ހައި ކޯޓުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މައްސަލައާ މެދު އަވަހަށް ކަންތައް ކުރައްވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މައްސަލަ ހުށަހަޅައިފި ނަމަ ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވަނީ. އެހެންވީމަ ވަރަށް އަވަހަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅުއްވާނެ ކަމަށް އުއްމީދުކުރަން،" ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވި ގޮތުގައި އެ މައްސަލަ އަވަސްކޮށްދޭން އެދި ހައި ކޯޓުގައި ތަކުރާރުކޮށް އެދިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް އެ ކޯޓުން ދީފައިނުވާ ކަމަށެވެ. އަދި ފަނޑިޔާރުން ނެތިގެން ކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންދެވި އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން މައްސަލަތަކެކޭ އެއްފަދައިން ނާޒިމްގެ މައްސަލާގައި ވެސް ފަނޑިޔާރުން އައްޔަން ކުރެވެންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނާޒިމްގެ ސިއްހީ ހާލަތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ސުއޫދު ވިދާޅުވީ ޑޮކްޓަރުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަރެކްޝަނަލް ސާވިސުން ނާޒިމްގެ ފަރުވާގެ ކަންތައް ކުރިއަށް ނުގެންދާ ކަމަށެވެ. ގަވާއިދުން ފަރުވާ ނުދޭތާ މަހެއްހާ ދުވަސް މިހާރު ވެފައިވާ ކަމަށާއި އެކަމާ ބެހޭގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް އެދެވޭ ޖަވާބެއް މިނިސްޓަރުގެ ފަރާތުން ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ހޯމް މިނިސްޓަރު ވިދާޅުވީ އެކަން ބައްލަވާނަމޭ. އެހެން ނަމަވެސް 30 ދުވަސް ވެގެން ދިޔައިރު ވެސް ފަރުވާ ލިބޭނެ އިންތިޒާމެއް ހަމައެއް ނުޖެހޭ،" ސުއޫދު ވިދާޅުވި އެވެ. ގަވާއިދުން ފަރުވާ ނުދިނުމަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ ނާޒިމަށް ފަރުވާ ނުދޭ މައްސަލާގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އެގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލަށް ޝަކުވާ ހުށަހަޅަން ވިސްނަމުންދާ ކަމަށް ސުއޫދު ވިދާޅުވި އެވެ. "އަޅުގަނޑަށް ބޮޑަށް ލަފާކުރަނީ ސިވިލް ކޯޓަށޭ އަޅުގަނޑުމެން ދާނީ. އެކަމަކު ވަކި ގޮތަކަށް ނުނިންމަން އަދިއެއް،" ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ