ޑްރަގް މައްސަލައެއްގައި ވަކިކުރި ކަސްޓަމްސް އޮފިސަރަށް ވަޒީފާ ދޭން ނުޖެހޭ: ސުޕްރީމް ކޯޓު
މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތުގައި ކަސްޓަމްސްގެ ވަޒީފާ އިން ވަކިކުރި ޗީފް ކަސްޓަމްސް އޮފިސަރަށް ވަޒީފާ ދޭން ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އޭނާ އަށް ވަޒީފާ ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ބޮޑު ނެޓްވޯކެއް ގުޅިގެން ނޮވެމްބަރު، 2007 ގައި ރާއްޖެ އަށް 2.18 ކިލޯގެ ޑްރަގް އެތެރެ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އޭރު ޗީފް ކަސްޓަމްސް އޮފިސަރ ހ. ޑޮނީގޯލް މުހައްމަދު ޝަފީގު ކަސްޓަމްސްގެ ވަޒީފާއިން ވަކިކޮށް، މިދިޔަ އަހަރު ހައި ކޯޓުން ވަނީ އޭނާ އަށް އަލުން ވަޒީފާދޭން އަމުރުކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ޝަފީގަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޝަފީގު ވަކި ކުރިއިރު އަމަލުކުރަމުންދިޔަ ކުރީގެ ގާނޫނުއަސާސީ އަށް ބަލާއިރު މީހަކާ މެދު އިދާރީ ފިޔަވަޅެއް އެޅޭނީ ހަމައެކަނި ކުށް ސާބިތުވުމުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތަހުގީގުގައި ޝަފީގު އިއުތިރާފްވެފައިވާއިރު، އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމަކީ އޭނާއާ މެދު އިދާރީ ފިޔަވަޅު އަޅަން ހުރަސް އަޅާ ކަމެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ޝަފީގަކީ 2.18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޮޑު ނެޓްވޯކްގެ އެންމެ އިސްވެރިޔާ ކަމަށްވާ ގ. ހިލްމަން އަބްދުލްހަމީދު އަބްދުއްސަމަދު މަސްތުވާތަކެތި ގެންނައިރު އެކި ގޮތްގޮތުން އޭނާ އަށް އެހީތެރިވާ މީހާ އެވެ. އެގޮތުން ޝަފީގު ޑިއުޓީގައި ހުންނަ ވަގުތު ހަމީދު ރާއްޖެ އަންނަ ނަމަ، ހަމީދުގެ ލަގެޖް ފާސް ނުކޮށް ދޫކޮށްދިނުން ފަދަ ކަންކަން ޝަފީގު ކޮށްދިން ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. އެ މައްސަލާގައި ޝަފީގުގެ މައްޗަށް ޖިނާއީ ދައުވާ އުފުލިޔަސް އޭރުގެ ޖިނާއީ ކޯޓުން ނިންމީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ވައިގެ މަގުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ އެ މައްސަލާގައި ގިނަ ބަޔަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު އެ ނެޓްވޯކްގެ އިސް މީހާ އަބްދުލްހަމީދު ވެސް ވަނީ އުމުރަށް ޖަލަށްލައި، އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާތައް ދައުލަތަށް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ