ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީން ކެންޑިޑޭޓަކު ނަން ނަގަން އެދެފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކުންގެ މެދުގައި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަން އެދިއްޖެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ނަން އަނބުރާ ނަގަން އެދިފައި ވަނީ މ. ދިއްގަރު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އިސްމާއިލެވެ. އިމްރާން ނަން އަނބުރާ ގެންދަވަން ނިންމެވި ސަބަބެއް އަދި ހާމަ ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ނަން ޕްރައިމަރީ އިން ނަގައިދިނުމަށް އެދި ޕީޕީއެމްގައި އެދިފައިވާކަން އެ ޕާޓީގެ އިސް ފަރާތަކުން ވެސް މިރޭ "ސަން" އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އިމްރާން ޕްރައިމަރީ އިން ނަން އަނބުރާ ނެގުމަށް އެދިފައިވާއިރު ޕީޕީއެމްގެ ޕްރައިމަރީގައި ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ މ. އަތޮޅު ކައުންސިލަރު މޫސާ ނަސީރު އަހުމަދު ވަނީ ޕްރައިމަރީ އިން ނަން އަނބުރާ ގެންދަވާފަ އެވެ. ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނީ ފާރިޝް މައުމޫންގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމުގެ އިތުރުން މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރެވެ. މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ވަނީ ކެންޑިޑޭޓު ނަންބަރު ވެސް ތަރުތީބުކޮށްފަ އެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކަކަށް މޫސާ ނަސީރު ހޮވުނިއިރު ކެންޑިޑޭޓް ނަމްބަރު ދޭކަށް ހޮވުނީ ފާރިޝް މައުމޫނެވެ. އަދި ކެންޑިޑޭޓު ނަންބަރު ހަތަރަކަށް ހޮވުނީ ހާނިމު އެވެ. ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން ފެށިގެން 5:00 އަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ