މައުމޫން ފޮނުވާ އެސްއެމްއެސްއާ މެއިލް ތަކަށް ރައީސް ޖަވާބެއް ނުދެއްވާ

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް ފޮނުވާ އެސްއެމްއެސް ތަކާއި މެއިލްތަކަށް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ޖަވާބު ނުދެއްވާކަމަށް ދެކެވެމުންދާ ވާހަކަތައް އެމްވީޔޫތައް ކަށަވަރު ވެއްޖެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައީސް މައުމޫން ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ފޮނުވި އެސްއެމްއެސްއެއްގައި ވަނީ އެމަނިކުފާނު ފޮނުވާ އެސްއެމްއެސް އަކަށް ނުވަތަ މެއިލް އަކަށް ވެސް ރައީސް ވަހީދު މިހާރު ޖަވާބު ނުދެއްވާ ކަމަށެވެ.
އަދި މީގެ ކުރިން އެމަނިކުފާނު ކުރައްވާ އެސްއެމްއެސް ތަކާއި މެއިލްތަކަށް ވަގުތުން ރައީސް ވަހީދު ޖަވާބު ދެއްވާ ކަމަށް ވެސް ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ރައީސް މައުމޫން ފޮނުވި އެސްއެމްއެސްގައި ވެއެވެ.
ޕީޕީއެމް ކައުންސިލްގެ ހުރިހާ މެންބަރުންނަށް ފޮނުވި އެއެސްއެމްއެސްގައި އިތުރަށް ވިދާޅުވެފައި ވަނީ އެޕާޓީގެ ބައެއް މެންބަރުން މަޖިލީހުގައި ނުވަތަ މީޑިއާގައި ރައީސް ވަހީދަށް ބަހުގެ ހަމަލާއެއް ދެއްވައިފިނަމަ އެފަރާތްތަކުން އެކަމުގެ ޒިންމާ އަޅުވަނީ "ސީދާ އަޅުގަނޑުގެ ބޮލުގައި" ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިފަދަ މުހިންމު ދަނޑިވަޅެއްގައި ރައީސް ވަހީދުއާއި ޕީޕިއެމްގެ ރައީސް އާއި ދެމެދު ކޮމިއުނިކޭޝަން ލައިން ހުޅުވިފައި އޮންނަން ވާނެ" ރައީސް މައުމޫންގެ އެސްއެމްއެސްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން މިމަހުގެ 22 ވަނަ ދުވަހުގެރޭ ރައީސް ވަހީދު އާއި ބައްދަލު ކުރައްވާފައި ވެއެވެ.
ނަމަވެސް ބައްދަލުވުމުގައި ދެކެވުނު ވާހަކައެއްގެ ތަފްސީލް އެއްވެސް ފަރާތަކުން ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ