ރޯދަ މަހު ކަރަންޓް ބޭނުންކުރުން ވަރަށް ބޮޑަށް އިތުރު: ސްޓެލްކޯ

މިއަހަރު ވެސް ރަމަޟާން މަހު އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓް ބޭނުން ކުރާވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހީމް ރައުފް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރޯދަމަހު ކަރަންޓް ބޭނުންކުރާވަރު އިތުރުވެގެންދާ ކަމަށެވެ.
ރައުފް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެންމެ ބާރު ބޮޑުވެގެންދާ ވަގުތަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ކަމަށެވެ.
ކަރަންޓް ބޭނުން ކުރާ އަދަދު އިތުރުވެ އިންޖީނުތަކަށް ބާރު ބޮޑުވެގެން ދިޔަ ނަމަވެސް އަދި އެއްވެސް މައްސަލައެއް މިރޯދަ މަހު ދިމާ ނުވާ ކަމަށް ރައުފް ވިދާޅުވި އެވެ.
"އިންޖީނުތަކަށް ޓެކްނިކަލް މައްސަލަ ދިމާވިޔަ ނުދިނުމަށްޓަކައި އަބަދުވެސް އެތައް މަސައްކަތްތަކެއް މިތަނުގައި ކުރަމުން މިދަނީ،" ރައުފް ވިދާޅުވި އެވެ.
ރަމަޟާން މަހު ކަރަންޓް ގޮސްފިނަމަ އާންމުންނަށް ދިމާވާނެ އުދަނގޫތައް ފާހަގަކުރައްވާ ރައުފް ވިދާޅުވީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އަބަދުވެސް މައްސައްކަތް ކުރަމުންދާ ކަމަށެވެ. މައްސަލައެއް ނުޖެހި ރޯދަ މަސް ނިމެންދެން ހިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ރައުފް ވިދާޅުވި އެވެ.
މީގެ އިތުރަށް ރައުފް ވިދާޅުވީ އަލަށް ހަދަމުންދާ އެތައް އިމާރާތަކަށްވެސް މިއަހަރުގެ ތެރޭގައި ކަރަންޓް ދީފައިވާތީ އެހެން އަހަރު ތަކާއި ހިލާފަަށް މިއަހަރު އިންޖީނުތަކަށް ބާރު ބޮޑުވުން އިތުރުވާނެ ކަމަށެވެ. އަދި ސްކޫލުތަކުގެ ޗުއްޓީ ނިމި އަލުން ކިޔަވަދޭން ފެށުމުން ވެސް ބާރުބޮޑު ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
މާލެއަށް މިހާރު ކަރަންޓް ދިނުމަށް ސްޓެލްކޯގައި 27 ޖަނަރޭޓަރު ބޭނުންކުރަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ