އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔާރާމް ޖަޔަލަލީތާގެ މައްޗަށް ކުރި ހަތަރުގެ އަހަރުގެ ޖަލު ހުކުމް ކަރުނާޓަކާ ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ދަށުން ކޯޓުން ޖަޔަލަލީތާގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޭނާގެ މައްޗަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށާއި ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ.
20 އަހަރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގެ ހުކުމް ކަރުނާޓަކާގެ ދަށު ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރު ސީ.އާރު ކުމާރަސުވާމީ ވިދާޅުވީ، އަގުބޮޑު ގެއެއް ބައްލަވައިގަނެ އެފަދަ ގެއެއްގައި ދިރިއުޅުމަކީ ކޮރަޕްޝަނާއި، ދައުލަތުގެ މުދާ ނުހައްގުން ހޭދަކުރުމުގެ ކުށް ސާބިތުވާވަރުގެ ހެއްކެއް ނޫންކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްތިއުނާފުގެ މިމައްސަލައިގެ ހުކުމް އިއްވުމަށް 10 ސިކުންތު ވެސް ނުނަގައެވެ.
ޝަރީއަތުގެ މަޖިލިސް ބޭއްވުމާއި ދިމާކޮށް ޗެންނާއީގެ އިތުރުން ކަރުނާޓަކާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ޖަޔަލަލީތާގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއެކު ޖަޔަލަލީތާއަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މަގުތަކަށް ނުކުމެ އުފާފާޅު ކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީވެސް ވަނީ ޖަޔަލަލީތާއަށް މަރްހަބާ ވިދާޅުވެފައެވެ.
އެކަމަކު، ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ކޯޓުގެ ހުކުމާއި ގުޅިގެން ފާޑު ކިޔަމުންނެވެ.
ދައުލަތުގެ ކުންފުންޏެއްގެ މިލްކިއްޔާތުގައި ހުރި މުދާތަކެއް އަމިއްލަ މިލްކިއްޔާތަށް ހެދުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ސުޕްރީމް ކޯޓުން ވަނީ ޖަޔަލަލީތާގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު 2002 ވަނަ އަަހަރު އޭނާ ވަނީ ޖަލުން ސަލާމަތްވެ ވަޑައިގެންފައެވެ. އަދި ޖަޔަލަލީތާ ފަހުން ވަނީ އަލުން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރަކަށް އިންތިޚާބުވެ ވަޑައިގެންފައެވެ.
ޖަޔަލަލީތާގެ މައްޗަށް އިއްވި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ