އަބްދުﷲ ގާޒީގެ މައްސަލައިގައި ސިވިލްކޯޓްގެ ހުކުމަށް ހައިކޯޓުން ތާއީދު
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓް ކުރި ހުކުމަށް ހައިކޯޓުންވެސް ތާއިދުކޮށްފިއެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރާ ގުޅޭގޮތުން އަމިއްލަ ޓީވީ ޗެނަލެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެނިންމުމާ ހިތްހަމަ ނުޖެހިގެން އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށައެޅުއްވުމުން އެކޯޓުން ނިންމާފައިވަނީ ޖޭއެސްސީގެ ނިންމުން ބާތިލް ކަމަށެވެ.
ދަށުކޯޓުގެ ނިންމުން އިސްތިއުނާފްކުރުމަށް ޖޭއެސްސީން ހައިކޯޓަށް ހުށައެޅި މައްސަލަ ނިންމާ އެކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޖޭއެސްސީގެ ނިންމުން ނިންމާފައިވަނީ އިޖްރާއަތުތަކާ ހިލާފަށް ކަމަށެވެ. މިގޮތުން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށައަޅާ މައްސަލަތައް ބެލުމަށް ވަކި އިޖްރާއަތުތަކެއް ޖޭއެސްސީގެ ގާނޫނޫގައި އޮންނައިރު އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމީ އޭނާއަށް ލިބެންޖެހޭ ހައްގުތަކާއި ފުރުސަތުތައް ނުދީ ކަމަށެވެ.
އަދި މައްސަލަ ތަހްޤީޤުކުރާ ކޮމެޓީގެ ރިޕޯޓާއި މެދު ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނީ އެ މައްސަލަ ރައްދުވާ ފަނޑިޔާރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު ހުށައެޅޭ ހެކިތައް ރިއާޔަތްކޮށްގެން ކަމަށްވާއިރު އަބްދުﷲ ގާޒީ މައްޗަށް ހުށައެޅުނު ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމީ ގާނޫނުގައި އޮންނަ އިޖްރާއަތާއި އެއްގޮތަށް ނޫން ކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ