ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް އައްޔަންކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްޕީރިއަ ކޯޓުތަކުގެ ތެރެއިން އިސް ގާޒީން ހަމަޖެހިފައި ނުވާ ތިން ކޯޓަކަށް މިއަދު އިސް ގާޒީން ހަމަޖައްސަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިސް ގާޒީން އައްޔަންކުރަން ނިންމާފައިވާ ކޯޓު ތަކަކީ ޑްރަގް ކޯޓް، ކްރިމިނަލް ކޯޓް އަދި ޖުވެނައިލް ކޯޓަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ނިންމާފައިވާއިރު ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ނިންމާފައިވަނީ އަބްދުއްސައްތާރު ހަމީދެވެ. އަދި ޖުވެނައިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ނިންމާފައިވަނީ ސައީދު އިބްރާހީމް އެވެ.
ޖޭއެސްސީން ބުނީ ސްޕީރިއާ ކޯޓުތަކަށް އިސް ގާޒީން އައްޔަންކުރަން ނިންމީ މިއަދު ބޭއްވުނު ކޮމިޝަންގައި ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން މިހާތަނަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ގާޒީ އާދަމް އާރިފް އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމާފައިވާއިރު ގާޒީ ހައިލަމް އަކީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއް ގާޒީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ