އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ކޯޓުން ހުކުމްކޮށްފި

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އުސްފަސްގަނޑު ސަރަހައްދު ހަތް ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލަށް އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެ ގޮތަށް ހުކުމްކޮށްފައިވަނީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ސަރުކާރުން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ. އެމްޑީޕީ އަށް އެތަން ދޫކޮށްފައިވަނީ ކައުންސިލުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އުސްފަސްގަނޑު ސަރަހައްދަކީ ސަރުކާރާއި ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރެވިފައިވާ ތަނެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެތަން ބޭނުންކުރަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ކަމަށާއި އެތަން އެހެން އެއްވެސް ފަރާތަކަށް ދޫކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށެވެ. އަދި ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ތަންތަނުގެ ދަފްތަރުން އެ ބިން އުނިކޮށް އެ ބިން ސަރުކާރަށް ނެގުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ކޯޓުން ހުކުމްކުރިއިރު އެތަން އެމްޑީޕީ އަށް ދީފައިވާ މުއްދަތު ހަމަވިފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީން ވަނީ އެ ތަނުގައި ރޭ ޖަލްސާއެއް ބާއްވައިފަ އެވެ. އަދި ސިލްސިލާކޮށް ޖަލްސާތައް ބާއްވަމުންދާނެ ކަމަށް ވެސް ރޭގެ ޖަލްސާގައި ވަނީ އިއުލާންކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުން އެ މައްސަލަ ނިމެންދެން އެތަން އެއްވެސް ފަރާތަކަށް އެއްވެސް މުއްދަތަކަށް ނުދޭން ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރާ ގުޅިގެން އެ ތަނުގައި ތިބުމުގެ މުއްދަތު އެމްޑީޕީ އަށް އިތުރުކޮށްދީފައެއް ނުވެ އެވެ. އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ކޯޓުން ހުކުމްކޮށްފައިވާއިރު ދަރުބާރުގެ އާއި އާޓިފިޝަލް ބީޗް ހޯދުމަށް ވެސް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ނަމަވެސް އެ ދެ މައްސަލަ އަދި ނުނިންމަ އެވެ. އެ ބިންތައް ސަރުކާރާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ ހައުސިން މިނިސްޓްރީއާ ސިޓީ ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ނަޝީދުގެ ސަރުކާރު ބަދަލުވުމާއެކު އޭގެ ތެރެއިން ގިނަ ބިންތައް ސަރުކާރަށް ނެގުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ