ކުރީގެ ޔޫތު މިނިސްޓަރ އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ކުރީގެ ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓަރު ކަން ވެސް ކުރެއްވި އިރްތިޝާމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ ޖުމުހޫރީޕާޓީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ މެމްބަޝިޕް ފޯމާ ހަވާލުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.
އިރުތިޝާމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވިއިރު އޭނާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމް އިން ވަނީ ޓިކެޓް ދީފައެވެ.
އިރްތިޝާމް އާދަމް އެންމެ ފުރަތަމަ ހުންނެވީ ރައީސް ޔާމީން ސަރުކާރުގެ ހެލްތު މިނިސްޓަރުކަމުގައެވެ. ނަމަވެސް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމަށް ރައީސް ޔާމީން އިރްތިޝާމް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ