ދަރިފުޅު ނީސާ ފިލްމު ކުޅޭކަށް އަދި ނުވިސްނާ: އަޖޭ

ދަރިފުޅު ނީސާ ދޭވްގަން، ފިލްމު އިންޑަސްޓްރީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި އަޖޭ ދޭވްގަން ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަޖޭ ބުނީ، އޭނާގެ އުމުރުން 16 އަހަރުގެ ނީސާ މިވަގުތު ހުރީ ތައުލީމު ހާސިލު ކުރުމަށް އެހެން ގައުމެއްގައި ކަމަށާއި އޭނާ ބޭނުންނަމަ ފިލްމު ކުޅުމަށް ވިސްނިދާނެ ކަމަށެވެ.
”ނީސާ މިވަގުތު ގައުމަކު ނެތް. އޭނާ ކިޔަވަނީ. އަދި ފލްމު ކުޅުމަކަށް އެއްވެސް ހިޔާލެއް ނުގެންގުޅޭ. އެކަމަކު ނީސާ ބޭނުންނަމަ ނީސާގެ ވިސްނުން ބަދަލު ކުރެވިދާނެ،“ އަޖޭ ބުނެފައިވެއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް މުކަރްޖީ އާއި އަޖޭއަށް ލިބިފައިވާ ދެ ދަރިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ ނީސާ މިވަގުތު ތައުލީމު ހާސިލް ކުރަމުން އަންނަނީ ސިންގަޕޫރުގައެވެ.
އަޖޭ އާއި ކާޖަލްގެ ދެވަނަ ދަރި، ޔަގް ދޭވްގަން އަށް ވާނީ އެންމެ ނުވަ އަހަރެވެ.
އަޖޭގެ ދަރިފުޅު ފިލްމު އިންޑަސްޓްރީއަށް ނުކުތުމަށް ނުވިސްނި ނަމަވެސް، ޝާރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް ސުހާނާ ފިލްމު ކުޅެން ފަށާނީ ތައުލީމު ހާސިލުކޮށް ނިންމުމަށް ފަހުގައި ކަމަށް ޝާހު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ