ވަރަށް ބޮޑު ތެދެކެވެ. މައުރޫފް ޖަމީލަށް ރައީސް މުއިއްޒާއި އެކު މަސައްކަތެއް ނުކުރެވޭނެއެވެ. ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ކިތަންމެ ގާބިލުވިޔަސް ރައީސް މުއިއްޒާއެކު ތެދުވެރި މަސައްކަތެއް އެއްވެސް އާދަމުގެ ދަރިއަކަށް ނުކުރެވޭނެއެވެ. ރައީސް މުއިއްޒާއެކު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމެއް ކުރެވިދާނެކަމަށް ހީކޮށް ހޮޅި ސަރުކާރަކާ ގުޅުމަކީ އަމިއްލަ ކަށްވަޅު އަމިއްލަ އަތުން ކޮނުމެވެ.
އެޗްޑީސީގެ އެމްޑީކަމުގައި މައުރޫފު ޖަމީލު އެންމެ ފުރަތަމަ ކުރައްވަންޖެހޭ ކަމަކީ އެޗްޑީސީގެ ވައްކަމުގެ ހަގީގީ އަދަދުތައް ހޯދާ ރައްޔިތުންނަށް ހާމަކުރުމެވެ. މިނިވަން ދެފުށް ފެންނަ އޯޑިޓެއް ހެއްދެވުމެވެ. ގަވައިދާއި ހިލާފު އެއްބަސްވުންތައް އުވާލެއްވުމެވެ. މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ދައުލަތުން ގެއްލުވާލި މިލްކިއްޔާތު އަނބުރާ ހޯދާ ދެއްވުމެވެ.
ރަސްމާލެ އެއްބަސްވުން އުވާލައްވާ ރަސްމާލެއާއި ގުޅޭ އެންމެހާ މުއާމާލާތެއް އަކުރުން އަކުރަށް ބައްލަވާ ހަގީގަތް ހޯއްދެވުމެވެ. އެކަމުގައި ހިމެނޭ ހުރިހާ ޖަރީމާއެއްގެ ތަފްސީލް ހާމަކުރައްވާ ގާނޫނީ ފިޔަވަޅު އެޅުއްވުމެވެ.
އެޗްޑީސީ ބޯޑުގެ ހުރިހާ މެމްބަރުން ވަކިކުރަން ރައީސް މުއިއްޒަށް ދެންނެވުމެވެ. މުޅި އެޗްޑީސީ ރީސްޓްރަކްޗަރ ކުރައްވާ ސިޔާސީ ބޭނުމަށް ވަޒީފާ ދީފައިތިބި މަލްޝާމެން ފަދަ ގިނަ އަދަދެއްގެ މުއައްޒަފުން ކަނޑާލެއްވުމެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއެކު ކުއްލިއަކަށް އެޗްޑީސީގެތެރެއިން ގޯތިތަކާއި ފްލެޓްތައް ލިބުނު ޕީއެންސީ ބޮނޑުންނާއި މަޖިލިސް މެންބަރުންނަށް ލިބިފައިވާ ގޯތިތަކާއި ފްލެޓްތައް ވަކިކޮށް އެކަމުގައި ހިންގާފައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ބައްލަވާ ތަހުގީގު ކުރައްވާ ފިޔަވަޅު އެޅުއްވުމެވެ. އެޗްޑީސީގެ އިންޓާނަލް އަދި އެކްސްޓަރނަލް އޯޑިޓް ވަރުގަދަ ކުރެއްވުމަކީވެސް މާއި ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަން ކުރެއްވުމުގެ ނިޔަތް މައުރޫފް ޖަމީލްގެ އޮވެދާނެއެވެ. އެހެން ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި މައުރޫފެއް ކަމަކު ޖެހިވަޑައިގަންނަވާނީ ފަހަތަށް ޖެހިވަޑައި ގަންނަވާށެވެ.
މަލްސާ ވަކިކޮށްލުންވަރުގެ ކުޑަކުޑަ ކަމެއްވެސް މާއިއަށް ކުރައްވާކަށް ލާހިކެއް ނޫނެވެ. މައުރޫފު ޖަމީލަށް ވެސް އޮތް ގޮތަކީ ފަޒުލް ވަރަށް ކޮރަޕްޓްވެ ވަޑައިގަތުމެވެ. ނޫނީ އަބުރާ ޝަރަފް ކަފުން ކުރައްވާ ގެއަށް ވަޑައިގަތުމެވެ.
މައުރޫފަށް މުއިއްޒާއި އެކު ތެދުވެރި މަސައްކަތެއް ނުކުރެއްވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ