ކުޅުދުއްފުށި ފަހުރުވެރިވާ އެތްލީޓް އަހްނާ، 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

ހޮންގްކޮންގްގައި ކުރިއަށްދިޔަ 20 އަހަރުންދަށުގެ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ކުޅުދުއްފުއްޓަށް އުފަން ޒުވާން އެތްލީޓް އަހްނާ ނިޒާރު 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.
މިދިޔަ މޭމަހުގެ 28 ން 31 ހޮންގްކޮންގްގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕުގައި 25 ސިކުންތުން ދުވެ އަހްނާ މިވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އެންމެ ފަހުން މިރެކޯޑް ހަދާފައިވަނީ 2024 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވެސް އަހްނާ އެވެ. އެއީ 25.10 ސިކުންތުން ދުވެގެންނެވެ.
އަހްނާ އަކީ ކުޅުދުއްފުއްޓަށް އަރަމުން އަންނަ ޒުވާން އެތްލީޓެކެވެ. މިވަގުތު ރާއްޖޭގެ އެތްލެޓިކްސްގައި ވެސް ފާހަގަކޮށްލެވޭ އެއް އެތްލީޓަށް އަހްނާ ވެފައިވާއިރު އަހްނާގެ އިތުރުން މިފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ދިޔަ ޓީމުގައި ހިމެނުނު އެތްލީޓުންނަކީ ޒުއިޒް މުހައްމަދު ސުއާދުއާއި ޒިވާ މޫސާ ޝަފީއު އަދި އަހްމަދު ރައްޔާން ފަހުމީ އެވެ.
އަހްނާ ނިޒާރު--- ފޮޓޯ: ޝަރީފް ސްޕޯޓްސް
އޭޝިއާގެ އެންމެ މޮޅު އެތްލީޓުން ވާދަކުރާ މިމުބާރާތަކީ އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. 22 އަހަރުގެ ތާރީހެއް އޮތް މިމުބާރާތުގައި ދުވެ އަހްނާ ހޯދި މިކާމިޔާބަކީ މުޅި ރާއްޖެއާއި ކުޅުދުއްފުށި ފަހުރުވެރިވާ ކާމިޔާބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ