ފޯރިގަދަކޮށް ޢީދު ފާހަގަކުރާ ކަމަދޫގައި ހަވީރުން ފެށިގެން ކަރަންޓު ކެނޑިފައި

ސަގާފީ ދިވެހިވަންތަ ކުޅިވަރުތަކާއެކު ކުލަގަދަކޮށް ޢީދު ފާހަގަކުރާ ބ. ކަމަދޫގައި ކަރަންޓު ކެނޑިފައި އޮންނަތާ ތިންގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. 'ސަން'އަށް މައުލޫމާތު ލިބިފައވާ ގޮތުގައި ކަމަދޫން ކަރަންޓު ކެނޑުނީ މިއަދުގެ ހަވީރު 16:30 ހާއިރެވެ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ކަރަންޓު ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިހާރު ފެނަކައާއި ކައުންސިލާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "ސަން"އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ ކޭބަލް ހަލާކުވުމުގެ ސަބަބުން ކައިރީ ރިސޯޓަކުން ކޭބަލް ހޯދައި ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައާއި ކައުންސިލުން ގުޅިގެން މިހާރު ކުރަމުން އަންނަކަމަށެވެ. ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ ކަމަދޫއަކީ ފޯރިއާއެކު އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މި އީދުގައި، އެ ރަށުގައި ފަސް ދުވަހު ސަގާފީ ހަރަކާތްތަކާއި، މިއުޒިކް ޝޯތައް ބާއްވަން ރާވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ