5،600 ވޭޕް ކާޓްރިޖު އެތެރެކުރަން އުޅުނީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި

ކަސްޓަމްސް އިން އިއްޔެ ހިނގި އޮޕަރޭޝަނުގައި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފައި ވަނީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުނި ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޑް ލިމިޓެޑްގެ ނަމުގައި އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިންކަން އެނގިއްޖެ އެވެ. 
ވޭޕްތައް ހުރީ ޕޭން-އޯޝަންގެ މުދާ ޝިޕްމަންޓެއް ކަން ކަސްޓަމްސްގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
ޕޭން-އޯޝަންގެ ހިއްސާދާރުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާގެ އާއިލީ ބޭފުޅުން ހިމެނޭއިރު ދެން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޮތް "ޝައިންޓްރީ ހޯލްޑިން" ގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާ ވެސް ހިމެނެ އެވެ. އަދި އާއިލާގެ އިތުރު އަށް ބޭފުޅަކު ވެސް ހިމެނެ އެވެ. 
އެކި ވިޔަފާރިތައް ކުރާ މި ދެ ކުންފުނީގެ ވެސް ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) ހިމެނެ އެވެ. 
ކަސްޓަމްސް އިން ކުރިން ބުނީ އެ އިދާރާއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އެ ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. 
The most trusted news source in the Maldives
ކަސްޓަމްސް އިން މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖު މިިދިޔަ އެޕްރީލް މަހު ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވެ އެވެ. 
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. 
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ