ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ގާސިމް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެންނެވީ، ޖޭޕީގެ މައި މަރުކަޒު ހުންނަ މ. ކުނޫޒުން ހިންގަވައިފައެވެ. ގާސިމާ އެކު އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ގާސިމް ސަޕޯޓަރުންނާ އެކު ހިންގަވާފައި ދަރުބާރުގެއަށް ވަޑައިގެންނެވީ ވަރަށް ފޯރި ނަންގަވައިފައެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމުގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި ގާސިމްގެ އަރިހުގައި އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން އޭނާގެ އިންތިހާބީ އޭޖެންޓް އަދި ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށް ގާސިމް ސަޕޯޓަރުންނާ އެކު ހިންގަވާފައި ކުނޫޒުން ދަރުބާރުގެއަށް ވަޑައިގަންނަވަނީ--- ފޮޓޯ: ޔޫސުފް ސޮފްވާން / ވަން
ޖުމްހޫރީ ޕާޓީން އޭޕްރިލް މަހުގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.
އޭގެ ފަހުން ގާސިމް ގެންދެވީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ، ވާހަކަދައްކަވަމުންނެވެ. އަދި ފަހުން ވަނީ ޕީޕީއެމްގެ ބޭފުޅުންނާއި އެމްއެންޕީގެ ބޭފުޅުންގެ އިތުރުން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެކު އިންތިހާބަށް އެކުގައި ނުކުތުމަށްވެސް މަޝްވަރާކޮށްފައެވެ. އަދި އެއް ކެނޑިޑޭޓަށް ތާއީދުކޮށް ނުކުތުމަށްވެސް މަޝްވަރާ ކުރިއެވެ. ނަމަވެސް އެމަޝްވަރާތައް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.
ގާސިމް ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފައެވެ. އެ ފަހަރު ގާސިމަށް ލިބުނީ 27,056 ވޯޓެވެ. އެ ފަހުން 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވާދަކޮށް ގާސިމް ވަނީ 48,131 ވޯޓު ހޯދައިފައެވެ.
ގާސިމް ސަޕޯޓަރުންނާ އެކު ހިންގަވާފައި ދަރުބާރުގެއަށް ވަޑައިގެން ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ