ކޯލިޝަން ހެދުމާމެދު އެމްއާރްއެމްއިން ސަރުކާރާ އެކު މަޝްވަރާ ފަށައިފި

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާމެދު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފިއެވެ.
ރޭ އެމްއާރްއެމްގެ އޮފީހުގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ވަނީ މައިގަނޑު 5 ކަމެއް ހުށަހަޅާފައެވެ.
އެގޮތުން އެމްއާރްއެމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތަށް އެދުން، ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމް.އާރް.އެމްގެ އުސޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުމުގެ އިތުރުން ކޯލިޝަން އެއްބަސްވުމަށް އިހުތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުމެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް އަދި ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދިނުމެވެ.
އެމްއާރްއެމްއިން ބުނެފައިވަނީ މިނުކުތާތަކާއި، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ރޭގެ މަޝްވަރާ ބައްދަލުވުމުގައި ނިންމުނުކަމަށެވެ.
މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. އެމްއާރްއެމްގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ އެޕާޓީގެ ރައީސް ފާރިސް މައުމޫން، ނައިބު ރައީސް އައިމިނަތު ނާދިރާ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
ސަރުކާރާއެކު ކޯލިޝަން ހެދުމުގެ އިތުރު މަޝްވަރާތައް އެމްއާރްއެމްއިން ފަށާފައިވާއިރު، މީގެކުރިން އެޕާޓީން ބުނެފައިވަނީ ޖުމްހޫރީ ޕާޓީއާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި އެމްއާރްއެމްއާއެކު މަޝްވަރާ ކުރަން ބޭނުންވާ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވިއެވެ. އެމްއާރްއެމްގެ ރައީސް ފާރިސް މީގެކުރިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްއާރްއެމްގެ ކެނޑިޑޭޓެއް ފެނުމުގެ ފުރުސަތުވެސް ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ