އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު ވަކިކުރަން ނޯޓިސް ފޮނުވައިފި

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ ދެ އެސިސްޓެންޓް ކޮމިޝަނަރު(އޭސީޕީ)ން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ)މަގާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި އެވެ.
މައްސަލައިގެ ފެށުން - އާ ގާނޫނުގައި ބުނެފައިވާ ގޮތަށް ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނަކީ މަސައްކަތަށް ގާބިލް ބައެއްތޯ ޕޮލިސް ބޯޑުން ބެލުމަށް ފަހު އޮގަސްޓް 9 ވަނަ ދުވަހު އެ ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ކޮމިޝަނަރަށް ލަފާއަރުވައިފަ އެވެ. ވަކިކުރަން ބޯޑުން ނިންމި އޮފިސަރުންނަކީ:
އޭސީޕީ ޖަމްޝީދާއި
އޭސީޕީ އަހުމަދު މުހައްމަދު
އޭސީޕީ ފަރުހާދު ފިކުރީ
ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
އެހެން ނަމަވެސް އެ ނިންމުން އޮތީ މިހާތަނަށް ތަންފީޒު ނުކޮށް ބާއްވައިފަ އެވެ.
ވީ ކިހިނެއް - ފުލުހުންގެ އިސް ބޭފުޅަކު މިއަދު 'ދައުރު' އަށް ޔަގީންކޮށްދެއްވި ގޮތުގައި އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު ވަޒީފާއިން ވަކިކުރުމަށް ޓަކައި ފޮނުވަން ޖެހޭ ނޯޓިސް މިހާރު ވަނީ ފޮނުވައިފަ އެވެ. އަދި އެ ނޯޓިސްގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވެ އެބޭފުޅުން ވަޒީފާއިން ވަކިވާނެކަން ވެސް ވަނީ ޔަގީންކުރެވިފަ އެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރަން ލަފާދީފައި ދެން ތިބި އޮފިސަރުން މަގާމުން ވަކިކުރުމާ މެދު ކޮމިޝަނަރު އަދި ގޮތެއް ނިންމާއެއް ނުވެ އެވެ.
އެނގުން މުހިންމު - ފުލުހުންގެ ހިދުމަތުގައި މިހާ ގިނަ ދުވަސްވީ އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ކޮމިޝަނަރަށް ލަފާދިން ސީދާ ސަބަބުތަކެއް މިހާތަނަށް އެ ބޯޑުން ވެސް އަދި ފުލުހުންގެ އިދާރާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ. 
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވަނީ:
ޕޮލިސް ބޯޑުން ބަލާނީ ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންގެ ކަންކަން ކަމަށް
އެ އޮފިސަރުންގެ މައްސަލަތައް ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސްތެރޭ ބަލަން ޖެހޭ
ފުލުހަކަށް ވީތީ ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބޯޑުން ބަލާނެ
ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ