އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ފޭރުމުގެ މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

މާލޭގެ މައްޗަންގޯޅި ސަރަހައްދުގައި ހުންނަ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:13 އެހާކަންހާއިރު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް މީހަކު ވަދެ، ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތް މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ވަނީ ފޮނުވާފައެވެ.
މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ.
ފުލުހުން ބުނި ގޮތުގައި ފަވާޒު ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒު ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ