ޑި ބްރޭނާ ނަޕޯލީ އަށް ސޮއިކުރީ މަތީ ފަންތީގައި އަދިވެސް ކުޅެންވެގެން ޑި ބްރޭނާ ނަޕޯލީ އަށް ސޮއިކުރީ މަތީ ފަންތީގައި އަދިވެސް ކުޅެންވެގެން

ނޭޕްލްސް (ޖޫން 13) - އިޓަލީގެ ޗެމްޕިއަން، ނަޕޯލީ އަށް ބެލްުޖިއަމްގެ ގައުމީ ޓީމުގެ ތަރި، ކެވިން ޑި ބްރޭނާ ސޮއިކުރީ އަދިވެސް އެންމެ މަތީ ފަންތީގައި ކުޅެން ބޭނުންވާތީ ކަމަށް އޭނާގެ ބައްޕަ، ހާވިގް ޑި ބްރޭނާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅެދިން ޑި ބްރޭނާ، 33، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދީ އެ ޓީމާ އެކު އެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމައި، ހިލޭ ޓްރާންސްފާއެއްގައި ނަޕޯލީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ހާވިގް ބުނީ، ނަޕޯލީ އަށް ބަދަލުވުމަކީ، މި ވަގުތަށް ބަލާއިރު، ޑި ބްރޭނާގެ ކެރިއަރަށް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
"ނަޕޯލީ އަށް ބަދަލުވާން ޑި ބްރޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުން. އެއީ، އަބަދުވެސް ޑި ބްރޭނާގެ ކެރިއަރުގެ އެންމެ މުހިންމު ކަންތައް،" ހާވިގް ބުންޏެވެ.
ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) އާއި އެެމެރިކާގެ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އިން ޑި ބްރޭނާ އަށް ގިނަ އޮފާތަކެއް ލިބުނު ނަމަވެސް، ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި އެ ކްލަބްގެ ރައީސް، އައުރެލިއޯ ޑި ލޯރެންޓިސްގެ ހުށަހެޅުން ގަބޫލުކުރަން ޑި ބްރޭނާ ނިންމީ އެވެ.
ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ޖުމްލަ އެކު، 14 ޓްރޮފީ ސިޓީ އަށް ހޯދަައިދިން ޑި ބްރޭނާ އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި އެވެ. އަދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ