މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަނީ

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޞިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބުގައި މިނިސްޓަރ ވަނީ މިއަހަރުގެ ޞިއްހަތުގެ ދުވަހުގެ ޝިއާރަށް އަލި އަޅުވާފައެވެ. މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ބަލަހައްޓައި، އެމަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.
މިނިސްޓަރ ވިދާޅުވީ މިމަސައްކަތާއެކު ސަރުކާރުގެ އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
މިއަހަރުގެ ޝިޢާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ" އެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފާވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް މި ޚިދުމަް ދިނުން ކަމަށާއި ސާރުކާރުން ހާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާންޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ." އަބުދުﷲ ނާޒިމް އިނބްރާހީމް ވިދާޅުވިއެވެ.
މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރުން ބާރު އަޅަނީ ކުއްޖަކު ދުޅަހެޔޮކަންމަތީ އުފަންވެ، ޞިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށެވެ. މިނިސްޓަރ ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ