މަރު ކޮމިޝަނުގެ ރިޕޯޓުތައް އާއިލާތަކާ ހިއްސާކުރަން އެދެނީ

މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުތަކުގައި ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށްފަހު އެ ރިޕޯޓުތައް އާއިލާތަކާ ހިއްސާކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަަހަޅާނެކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ރިލްވާނާއި ޔާމީންގެ އާއިލާއިން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ހިއްސާކުރާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރާކަން އެނގޭ ކަމަށާއި މި ރިޕޯޓުތަކުގައި އެކުލެވޭ ގިނަ މައުލޫމާތުތަކަކީ ވަރަށް ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށެވެ.
"ކޮމިޝަނުގެ އަމާޒަކީ އެ ބައިބައި އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް 31 މެއިގެ ކުރިން ނިންމާލުމަށް. ރިޔާސީ ކޮމިޝަނުގެ ގާނޫނުގައި އޮތީ ހުރިހާ ރިޕޯޓެއް ވެސް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް،" އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލަތަކުގައި އާއިލާތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތުތައް ހުރުމާއެކު ސިއްރުކުރަންޖެހޭ މުހިންމު މައުލޫމާތުތައް އުނިކުރުމަށްފަހު އެ ރިޕޯޓު އާއިލާތަކަށް ހިއްސާކުރުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހުށަހަޅާނެ ކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެތި ރައީސް އޮފީހާ ހިއްސާކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފަ އެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހު އެވެ.
ރިލްވާންގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވަނީ 2017 ވަނަ އަހަރު އެވެ. ޔާމީންގެ މަރާއި ގުޅިގެން ހަ މީހަކަށް ދައުވާކޮށްފައިވާއިރު އޭގެތެރެއިން ކުށް ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ