މުހައްމަދު އަމީނާއި މުހައްމަދު ނަޝީދަށް ފަހު މުހައްމަދު މުއިއްޒު!؟؟

ވާވަރަށް ކަންކަން ކުރެވޭ ވަރަށް ކޮންމެ މަހަކު ސަރުކާރަށް ފައިސާ ވަންނަކަމަށް ދުވަސްކޮޅެއް ކުރީން ރައީސް މުއިއްޒު ވިދާޅުވެފާވެއެވެ. މުއިއްޒު ވިދާޅުވި ގޮތުން އެއްވެސް ދަތިކަމެއް ސަރުކާރު ހިންގުމަކަށް ނެތެވެ. ދައްކަންހުރި ލޯނުތަކަށް ދައްކަން ހުރި ފައިސާ ދެއްކޭނެ ގޮތަށް ފަހިވެފައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑެތި ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތް ރަހުމަތްތެރި އެކި ދިމަދިމާލުން ހަމަޖެހިފައި ހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 
އެހެންކަމަށް ވާނަމަ ސަރުކާރުން މިހާރު މިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ. ހުރިހާ ކަމެއް ބަރާބަރަށް ހަމަޖެހެންހުރެ ރައްޔިތުންނަށް ހިތިބޭސް ބޯން ޖައްސަން މިއުޅެނީ ކީއްވެހެއްޔެވެ. ޓެކްސް ބޮޑުކޮށް ސަބްސިޑީ ކަނޑާލާ މުއައްޒަފުން މަދުކޮށް މުނާސަބަތުތައް ފާހަގަ ކުރުން ހުއްޓާލުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މިއުޅެނީ ކީއްވެހެއްޔެވެ. ރައްޔިތުންގެ ޖީބުތައް ފުރެބާރުވެ ދައުލަތުން ކަމެއް ކޮށްދޭން ނުޖެހޭ ވަރަށް މުއްސަނދިވީހެއްޔެވެ. 
އެނގޭ ކަމަކީ ކޮންމެސް ކަމެއްވެއްޖެ ކަމެވެ. ވެރިކަން ލިބުމުން ލިބޭނެ ކަމަށް ހީކުރި އެކައްޗެއްވެސް ނުލިބުނީއެވެ. ބޭނުން ވަރަކަށް އެހީއާއި ހިލޭ ޕްރޮޖެކްޓްތައް އޮއްސާލާނެ ކަމަށް ހީކޮށް ދައުލަތުގައި ހުރި ފައިސާ ކޮޅުވެސް ހަނީމޫނު ޕީރިއަޑްގައި ތަޅާ ބުރުއްސާލެވުނީއެވެ. 
ތުރުކީން ކާޑެއް ނުލިބުނެވެ. ޕަކިސްތާނުން އަލުއްވާއި ބިހާއި ފިޔާ ނުލިބުނެވެ. ޗައިނާއިން ފައިސާ ކޮންޓޭނަރުތަކެއް ނުފޮނުވިއެވެ. ކުރީގެ މެގަ ޕްރޮޖެކްޓް ތަކުގެ ލޯނު ރިސްޓްރަކްޗަރކޮށެއް ނުދިނެވެ. އަރަބިން ކައިގެން ތިއްބަސް ދިވެހިންނަކަށް ކާކަށް ނުދިނެވެ. އިންޑިއާގެ ބޮއިކޮޓާއި އިޒްރޭލް ބޭނާއި ގުޅިގެން ޓޫރިޒަމް ބަނޑު ބިންމަތީ ޖަހައިފިއެވެ. އިސްތިގުލާލުގެ ފަލަރޮނގުން އިންޑިއާގެ ބެކްޔާޑް ވަކިކޮށްގެން އެރުވި ފޮނުން އިންޑިއާއިން އަޅާކަހާވެސް ނުލިއެވެ. ދިވެހިންނަށް ގެރިގޮރު ދޭކަށް އެމީހުންވެސް ބޭނުމެއް ނުވާނެތާއެވެ. 
އެކަމަކު ބުނަން ހެއްޔެވެ. ކޮންމެ ކަމެއްގައި ރައީސް މުއިއްޒު އުނބަށް ޖައްސަވާތަން ބަލަން އަބަދަކު އެންމެނަކު ނުތިބޭނެއެވެ. ބައެއް ފަހަރު އެންމެންވެސް މޮޔަހެއްދެއެވެ. އެކަމަކު އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. އަނގަޔާ އަތާ ދިމާނުވީމާ އިންސާނުންނެއް ކަމަކު ބުއްދިފަސްވެއެވެ. މުހައްމަދު އަމީނާއި މުހައްމަދު ނަޝީދުގެ ފަހަށް މުހައްމަދު މުއިއްޒު ލިޔަން ދިވެހިންނަށް ނުޖައްސާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ