މީޑިޔާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި މީޑިއާތަކާއި ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާކަމަށެވެ.
އަދި ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ފަށާފައިވާކަމަށާއި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށާއި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމާންކަމަަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން މި ބަޔާން މި ގޮތަށް ނެރެފައިވަނީ މައުލޫމާތު ލިބޭ ގޮތުގައި ރާއްޖެ ޓީވީގައި މަސައްކަތް ކުރާ މުވައްޒަފަކު މީސްމީޑިޔާގައި ކުރި ޕޯސްޓަކަށް، އެ މީޑިޔާއަށް ގެއްލުން ދޭނެފަދަ މޭރުމަކުން މީހަކު ކޮމެންޓް ކުރުމާ ގުޅިގެންނެވެ. އަދި މި ޚަބަރު ޗެނަލް 13 އިން ގެނެސްދިނުމުން އެ މީޑިޔާއަށްވެސް ވަނީ އިންޒަރުދީފައެވެ.
މީގެ އިތުރުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިފައިވާނަމަވެސް، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރެއްވުމަށް ރައީސް އޮފީހުން ވަނީ އިލްތިމާޒު ކުރައްވަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ