'ކޭޖީއެމް' ފިލްމް ޕްރިމިއާކޮށްފި، މުޅި އޮލިމްޕަހުގައި ހުނުމާއި މަޖަލުގެ އަޑު!
ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ޕްރިމިއާ ކޮށްފިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި މި ފިލްމުގެ ޓްރެއިލާއާއި ޕޯސްޓަރު ލޯންޗްކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނި ވެސް ފިލްމްގެ މަޖާކަން ފެނެއެވެ. ފިލްމްގެ ޓްރެއިލާއިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ. ފިލްމު ބެލުމަށްފަހު އޮލިމްޕަހުން ނިކުތް ކޮންމެ މީހެއްގެ ދުލުން ވެސް ބުނަނީ "ހީހީ ގޮސް ބަނޑަށް ވެސް ތަދުވެއްޖެ،" ކަމަށެވެ. "ކޮސް ގިނަ މިސްޓޭކް" ވެފައި ވަނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލި ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އައިއިރު، ފިލްމު ބެލުމަށް އޮތް ޑިމާންޑު ވެސް ބޮޑެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރު އިސްމާއިލް ޝަފީޤު 'ސަން' އަށް ބުނި ގޮތުގައި މި ފިލްމަކީ ވެސް ކާމިޔާބީއެކެވެ. ފިލްމު ބެލުމަށްފަހު މީހުންގެ ފަރާތުން ލިބޭ 'ޕޮޒިޓިވް' ކޮމެންޓުތަކުގެ އިތުރުން ލިބޭ އެންމެ ބޮޑު އުފަލަކީ އޮލިމްޕަސް ސިނަމާގެ އެތެރެއިން ފެންނަ މަންޒަރު ކަމަށް އޭނާ ބުންޏެވެ. ފިލްމުގެ މަންޒަރުތަކުން މީހުން ހެއްވައިލާ ކަމަށާއި، މަޖަލާއި ސަކަރާތުގެ އަޑުން ސިނަމާގެ އެތެރެ އަޑުހިއްޕާލާފައި ހުރުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އިސްމާއިލް ޝަފީޤު ސިފަކުރިއެވެ. "ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތި، އިންޑަސްޓްރީގައި އުޅޭ ބައެއްގެ ބުރަ މަސައްކަތުން މިފަދަ މަސައްކަތެއް ފަށައި ނިމި، މިހާ ތަރުހީބު ލިބުނީމާ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އިސްމާއިލް ޝަފީޤު ބުންޏެވެ. ކޭޖީއެމްގެ ޕްރިމިއާ ނައިޓުގައި ވެސް ކޮންމެ ކާސްޓެއްގެ މޫނުމަތިން ވެސް ކާމިޔާބު ފިލްމެއްގެ އުފާވެރި މަންޒަރުތައް ފެނިގެން ދިޔައެވެ. އަދި ބެލުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓުތަކުން ވެސް މިއީ ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫންކަން އެނގިގެންދެއެވެ. ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޢަލީ ސީޒަންއެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގައެވެ. މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނުނު އެއް ފިލްމު ވެސްމެއެވެ. އެގޮތުން، ފިލްމުގެ ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރްޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭއާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. ޢަލީ ސީޒަން، ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި އަބްދުﷲ މުއާޒް -- ފޮޓޯ/ ކޭޖީއެމް މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއްނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި، ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަންއާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ. މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރްޔަމް އަޝްފާއާއި ޖަލާލްގެ އިތުރުން ފުބޫއެވެ. އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދެވެ. ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީއާއި، ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މި ފިލްމް ވެސް ވެގެންދިޔައީ ބެލުންތެރިން ހެއްވައިލި ވަރުގެ ފިލްމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ