ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ގެއްލިގެން ދިޔަ މައިގަނޑު ސަބަބަކީ ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުން ކަމަށާއި، އެކަމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވަމުން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާނު ކުރެއްވުމުގެ ކުރިން ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވި ހިސާބުން ފެށިގެން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށެވެ،
"މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ އެ ޝައުގުވެރިކަމުގެ ސަބަބުން ޕާޓީގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ދިމާވޭ. އެއީ ހަގީގަތް، ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ކުރައްވާ ކޮންމެ ކަމަކުން އޭނާގެ ރިޔާސީ އުއްމީދަށް ފައިދާ ވާނެ ކަމަށް، ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޝައުގުވެރިވެދާނެ އެހެން ބޭފުޅުނަށް ގަބޫލު ކުރެވުމުގެ ސަބަބުން ޕާޓީގެ ކަންކަމަށް ހިޔަނި އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ފައްޔާޒު ގަބޫލު ކުރައްވަ އެވެ.
ޗެއާޕާސަންގެ މަގާމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ޖެހުނު މައްސަލަ ހައްލުކޮށް، ޕާޓީ އެކަތިގަނޑަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓު ރަނގަޅަށް އެއްވެގެން ކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ. އަޅުގަނޑުމެންނަށް ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެނެއް އަޅުގަނޑުމެންނަށް ކަށޭނެ ކުރިއެރުމެއް ލިބޭނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެންޖެހޭނެ ބައެއް. އެ އިހުސާސްތަކުގެ މައްޗަށް އަރާ ގައުމާ ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަންޖެހޭ ބައެއް. އެ ލީޑަރުންނަކީ ތިބޭފުޅުން."
ޕާޓީ އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތް ކޮންމެހެންވެސް ކުރަންޖެހޭ ކަމަށާއި، ޕާޓީގެ އެތެރޭގައި އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނުވަތަ އާއްމު މެމްބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި އިސްވެ މަސައްކަތް ކުރަންޖެހޭ ބަޔަކީ ގައުމީ މަޖިލީހުގެ މެންބަރުނާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމު އަދާކުރެއްވުމަކީ "ވަރަށް ބޮޑު ޝަރަފެއް" ކަމަށާއި ކުރިއަށް އޮތްތަނުގައި ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ މިހާރުގެ އެޑްވައިޒަރު ސޯލިހު، އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއެކު އެބޭފުޅުންގެ ފަހަތުގައި ހުންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެބޭފުޅުން ދެއްކެވި މަގަކުން ހިނގުމުގައި ގައުމީ މަޖިލިސްގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަގީންކަންވެސް. ތިބޭފުޅުންނަށް އަރުވަން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވީ މެއި 2022 ގަ އެވެ.
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނުފެނޭ: ފައްޔާޒު ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނުފެނޭ: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ