ފިޔާޒާއި ހަސަނަށް ކުރި ދައުވާ އަނބުރާ ގެންދަން އެމްޖޭއޭން ގޮވާލައިފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.
ވީކިހިނެއް؟ - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އަދި ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ވެސް ނެރުނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން 
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މި ދެ ކަންތައް ވެސް ކުށްވެރިކޮށް، ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން މިއަދު ވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - އެ ޖަމިއްޔާއިން ބުނީ ނޫސް އިދާރާތަކާއި ނޫސްވެރިން އުފައްދާ ކޮންޓެންޓަކާ ގުޅިގެން، ޖިނާއީ ތުހުމަތުތައް ކުރުމާއި ޖިނާއީ ތަހުގީގުތައް ހިންގައި އަދި އެ މީހުންގެ މައްޗަށް ދައުވާތައް އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
"މިފަދަ ދައުވާތައް ނޫސްވެރިންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި އުފުލުން މި ޖަމްއިއްޔާއިން ކުށްވެރިކޮށް މި ދައުވާތައް ވަގުތުން އަނބުރާ ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްތަކާއި ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތްތަކަށް ބިރު ދައްކައި ފަހަތަށް ޖެއްސުމަށް ހިންގޭ އަމަލުތަކެއް ކަމުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
މި މައްސަލަ ތަހުގީގުކުރަން ފަށަނީ ވެސް ސީދާ ޕީޖީގެ އަމުރަކަށްވުމުން މި ގޮތަށް ޖިނާއީ ތަހުގީގުތައް ހިންގައި ދައުވާތައް އުފުލުމަކީ ނުބައި ބިރުވެރި ސަގާފަތެއްގެ ފެށުމެއް ކަމަށް ވެސް އެމްޖޭއޭން ބުންޏެވެ.
"މިއީ އެތައް ބައެއްގެ ގުރުބާނީން ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސް ހުދުމުހުތާރު ކަމަށް ރާއްޖެ ސޮއްސާލައިގެން ދާނެ ކަމެކެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ:
ނޫސްވެރިންގެ މައްޗަށް ކުރިއަށް ގެންދާ އެ ޝަރީއަތް ސިއްރުކޮށްގެން ގެންދިޔުމަށާއި އެ މައްސަލައިގައި އެ ނޫހުގެ ފަރާތުން ކޮށްފައިވާ ތުހުމަތުތައް ރާއްޖޭގެ އެންމެހާ ރައްޔިތުން ހިމެނި ޝާމިލްވާނޭ ގޮތަށް ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނުވަތަ ގެގް އޯޑަރަކީ ރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އާންމު ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނޭ ގޮތަށް ނެރެފައިވާ އަމުރެއް
މީގެ ކުރިން ކޯޓުތަކުން ނެރެފައިވާ ގެގް އޯޑަރުތަކަކީ ވެސް ހަސްމުން ޝަރީއަތުގެ މާލަމުގެ ބޭރުން އެ ވާހަކަތަކުގެ ގާނޫނީ ތަފްސީލްތަކާއި ގާނޫނީ ބަހުސްތަކަށް ނުދިއުމުގެ ބޭނުމުގަ އާއި މީހެއްގެ މައްޗަށް ސާބިތުނުހިފޭ ކުށެއް ސީދާ އެ ކުށް ކުރި ކަމަށް ބުނެ ވާހަކަ ނުދެއްކުމަށް ނެރެފައިވާ އަމުރުތަކެއް؛ މީގެ ކުރިން އާންމު ރައްޔިތުންނަށް މުޅި މައްސަލަ ހިމެނޭ ގޮތަށް ވާހަކަ ދެއްކުން މަނާކޮށްފައެއް ނެތް
މުޅި މައްސަލައަށް ވާހަކަ ދެއްކުން މަނާކުރެވޭ ގޮތަށް ގެގް އޯޑަރު ނެރުމަކީ ހޮވާލެވޭ ހަބީރުން މަޖިލީހަކުން ނުވަތަ ޖޫރީ ސިސްޓަމް އޮންނަ ގައުމުތަކުގައި އާންމުކޮށް ގެންގުޅޭ އުސޫލެއް
ނޫސްވެރިންގެ މައްޗަށް ހިންގޭ މިފަދަ ހައްސާސީ ޝަރީއަތެއް ސިއްރުކޮށްގެން ގެންދިޔުމަކީ ހުދުމުހުތާރު ގައުމުތަކުގައި އަސްކަރީ ކޯޓްތަކުގައި ޝަރީއަތް ހިންގުން ފަދަ ކަމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށް ބުންޏެވެ. މިއީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމުގެ ސިފަތައް އެނބުރި އައުން ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އެމްޖޭއޭން ބުންޏެވެ.
"ނޫސްވެރިކަމާ ގުޅުންހުރި ބޭރުގެ ޖަމްއިއްޔާތަކުން ރައީސް މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ގޮވާލާފައިވާ ގޮތަށް މި ޖަމްއިއްޔާއިން ރައީސްއަށާއި ދައުލަތުގެ އެންމެހާ ބާރުތަކަށް ގޮވާލަނީ ޑިމޮކްރަސީގެ ހަމަތަކަށް އަނބުރާ ރުޖޫއަވެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ތަސައްވަރުކޮށްފައިވާ އެންމެ ފުޅާދާއިރާއަކަށް ކަށަވަރުކޮށްދިނުމަށެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ