ޔޫއޭއީއަށް ތާރީގު، ގަތަރަށް އާދަމް ޝަރީފް ފޮނުވަން މަޖިލީހަށް ނަން ފޮނުވައިފި

މިދިޔަ މަހު ކެބިނެޓުން އިސްތިއުފާދިން ކުރީގެ ދެ މިނިސްޓަރަކު ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން ފޮނުއްވައިފިއެވެ. މިދިޔަ މަހު 10 މިނިސްޓަރަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކުއްލި ގޮތަކަށް އިސްތިއުފާދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާއި އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފައެވެ. އެ ބޭފުޅުން އައްޔަންކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ބޭފުޅުންނާ އެކު، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް އެ މަގާމަށް އައްޔަންކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭގެ ތެރެއިން އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކުރައްވަން ނަން ފޮނުއްވާފައެވެ. އަދި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތާރިގު އައްޔަންކުރައްވަން ވަނީ ނަން ފޮނުއްވާފައެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. https://sun.mv/221143 އެކަމަކު، ފޮރިން މިނިސްޓްރީއަށް އެ ބޭފުޅުންނާ އެކު އައްޔަންކުރެއްވި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ. އެހެންވެ، އޭނާ އައްޔަންކުރަނީ ކޮން ގައުމެއްގެ ސަފީރުކަމަށް ކަމެއް ސާފެއް ނޫނެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް 10 މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް ވެސް ހިމެނިވަޑައިގަތެވެ. އޭރު ރައީސް އޮފީހުން ވަނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ބުނެފައެވެ. އެ ބަދަލު ގެނައީ، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ