ދިރާގުން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑް މާލެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.މިއީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެއްވެސް ތަމްރީނެއް ނުލިބޭ، އަދި މި ދާއިރާއަށް މުޅިން އައު އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް މަގުފަހިކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަންގައި 17 ބައިވެރިން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައި ވެއެވެ. މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 108 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ތަމްރީނުތައް ނިންމާފަ އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލ. އަތޮޅު އަދި ހއ. ދިއްދޫގައި ވެސް ވަނީ ތައާރަފްކޮށްފަ އެވެ.ގާލްސް ޓު ކޯޑް މާލެ އެޑިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ.އަލީ ހައިދަރު އަހުމަދުއެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއީލް ރަޝީދު، ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް އަދި ދިރާއި ވިމެން އިން ޓެކުގެ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.މި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވަނީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ތަރައްގީވަމުންދާ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަމުންދާ ދާއިރާއަކީ ޓެކްނޮލޮޖީކަން ފާހަގަކުރައްވާފަ އެވެ.އެހެންކަމުން ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް އެކަމަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމަށް ވިދާޅުވެ ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށް ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުންދާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއަށް ޝުކުރު އަދާކުރެއްވި އެވެ.ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ މި ފީލްޑްތަކުން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް އަދި އިންޑަސްޓްރީއާ ބޮޑަށް ކައިރިކުރުމުގެ މަގުސަދުގައި މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފަ އެވެ.މި ގޮތުން “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ކެރިއާ ގައިޑެންސް ހާއްސަ ވޯކްޝޮޕެއް ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގަ މި އަހަރު ވަނީ ތައާރަފްކޮށްފަ އެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ބައްދަލުވެ، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ކުދިންނާއި ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާން އަންހެން ފަރާތްތަކަށް މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ."މި ފުރުސަތުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ހުރިހާ ބައިވެރިންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަން. މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،'' އިސްމާއިލް ރަޝީދު ވިދާޅުވި އެވެ. ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފައި ކަމަށެވެ. މިގޮތަށް އުމުރުފުރާ ކަނޑައެޅީ ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް ކަމަށް ދިރާގުން ބުންޏެވެ.ހަމަ އެހެންމެ، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގައި މި އަހަރު ވަނީ “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ހާއްސަ ކެރިއާ ގައިޑެންސް ވޯކްޝޮޕްއެއް، ތައާރަފްކޮށްފައި ކަމަށް ދިރާގުން ބުންޏެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ކުދިންނާއި ބައްދަލުކުރުވައި، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން މައުލޫމާތުދިނެވެ.މި ޕްރޮގްރާމްގެ ބައިވެރިންނަށް އަސާސީ ކޯޑިން ހުނަރުތައް ދަސްކޮށްދީފައިވާއިރު މިނީ ޕޯޓްފޯލިއޯ ވެބްސައިޓްތައް އުފެއްދުމުގެ ހުނަރު ވެސް ކުދިންނަށް ދަސްވި ކަމަށް ދިރާގުން ބުންޏެވެ. އަދި ލިބުނު ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކުރުމުގެ ފުރުސަތު ލިބުނު ކަންވެސް ދިރާގުން ފާހަގަކުރިއެވެ.މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ