ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނާ ވާހަކަ އީރާނުން ދޮގުކޮށްފި

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އީރާނުން ދޮގުކޮށްފިއެވެ. 
އިއްޔެ އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް އަންނަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. 
އެ ހަމަލާ ތަކާ ގުޅޭގޮތުން، ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އާއި އީރާނުގެ އެހެން ބައެއް ލީޑަރުން އަވަހާރަކޮށްލާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި، ޓްރެކިންގ ސިސްޓަމްތަކުން އެ ބޭފުޅުންނަށް ސަލާމަތްނުވެވުނު ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން، މިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނބުރާ ހޯދުމަށް ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށާއި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އާއި ފުލުހުން ސުލްހަވެރިކަމާއެކު ނެޝަނަލިސްޓުންނާ ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕްގެ އިތުރުން އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމުގެ ހެކިތައް ލިބެމުންދާ ކަމަށެވެ. އަދި ރޮއިޓާސް ނިއުސް އެޖެންސީން އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާމަނާއީގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ.
ނަމަވެސް، އީރާނުގެ ތަސްނީމް އަދި މެހެރު ނިއުސް އެޖެންސީން މި ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ، ޚާމަނާއީ ހުންނެވީ ހެޔޮ ހާލުކޮޅުގައި، ސާބިތުކަމާއެކު ކަމާބެހޭ ކަންކަމުގައި އިރުޝާދު ދެއްވުމުގައި ކަމަށެވެ.
ޚާމަނާއީގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސްގެ އިސްވެރިޔާ ވިދާޅުވީ މިއީ ދުޝްމަނުން ފަތުރަމުންދާ "ނަފްސާނީ ހަނގުރާމައެއް" ކަމަށާއި، އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް ވަނީ ޚާމަނާއީ އާއި އެހެން އިސް އޮފިޝަލުންގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ބުނީ، ”ބޭނުންވާ މަގުސަދުތައް ހާސިލްވަންދެން“ މި ހަފްތާގެ ތެރޭގައި މެދުނުކެނޑި ބޮން އެޅުން ކުރިއަށްދާނެ ކަމަށެވެ.އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނު އީރާނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި އެކަނިވެސް 108 މީހުން ވަނީ މަރުވެފައެވެ. އަދި އީރާނުގެ 24 ޕްރޮވިންސަކުން ޖުމްލަ 201 މީހުން މަރުވެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ ތަންތަނަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރޭން، އުރުދުން، ސައުދީ އަރަބިއްޔާ އަދި އިރާގު ހިމެނެއެވެ. މަސްލަހަތު ގޯސްވުމާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.
1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނެވި ޚާމަނާއީއަކީ އެ ގައުމުގެ ސަރުކާރާ، އަސްކަރިއްޔާ އަދި ޝަރުއީ ދާއިރާގެ މައްޗަށް އެންމެ ފަހުބަސް ވިދާޅުވާ ފަރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ