ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން އިތުރު ހަ މަހުގެ މުއްދަތެއް ދީފި
ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ނުވަތަ ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ އިތުރުކޮށްދީފިއެވެ. އެޗްޕީއޭއިން ވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން ލާޒިމުކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ބުނެ، އެ ކަންކަން އިއްޔެ އިއުލާނުކޮށްފައެވެ. އެ އުސޫލުގެ ދަށުން ކުރިން، ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ޖަހަން މުއްދަތު ދިނީ، މި މަހުގެ 28އަށެވެ. އެކަމަކު، އެ މުއްދަތު މިހާރު އަންނަ ޖުލައި މަހު 28އަށް ފަސްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. https://sun.mv/209325 އެޗްޕީއޭއިން ބުނީ، އެ ދުވަހުގެ ފަހުން، ދުންފަތުގެ ބާވަތްތައް ރާޢްޖެ އެތެރެކޮށް، ވިއްކޭނީ ސިއްހަތުގެ އިންޒާރު ނުވަތަ ލޭބަލް ޖަހައިގެން ކަމަށެވެ. ސިނގިރޭޓު ކޭހެއް އޮއްސާލަނީ: ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން އިތުރު ހަ މަހުގެ މުއްދަތެއް އެޗްޕީއޭއިން ވަނީ ދީފައި --- ސަން ފޮޓޯ/ މާނިއު މުހައްމަދު މިހާރު ސިއްހަތުގެ އިންޒާރު ނުޖަހައި ދުންފަތުގެ ބާވަތްތައް އެތެރެކުރާ މީހުންނަށް އެޗްޕީއޭއިން ވަނީ، އަންނަ ޖުލައި 27ގެ ކުރިން، އެ ތަކެތި ވިއްކައި ނިންމަން ހަނދާންކޮށްދީފައެވެ. އެއީ، އަންނަ ޖުލައި، 28ގެ ފަހުން، ސިއްހަތުގެ އިންޒާރު ނުޖަހާ، ދުންދަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ނުވިއްކޭނެތީއެވެ. އޭގެއިތުރުން އެޗްޕީއޭއިން ބުނީ، އެ ބަދަލާ ގުޅިގެން، އަންނަ ޖުލައި 28ގެ ކުރިން، ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހައިގެން އެތެރެކޮށް ވިއްކުމަށް ހުރަހެއް ނާޅާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ، ރަޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓަށް އައި ބަދަލުތަކެއް ވެސް ހާމަކޮށްފައެވެ. އެ ލިސްޓުގައި ހިމެނެނީ، ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަނޑައެޅޭ މުއްދަތެއްގެ ކުރިން އެތެރެކޮށްފައިވާ ދުންފަތުގެ ހުރިހާ ބާވަތްތަކާއި ގަވައިދަށް އަމަލުކުރަން ފެށި ފަހުން، އަލަށް އެތެރެކުރުމަށް ގަވައިދުގެ ދަށުން ރަޖިސްޓްރީކުރެވޭ ބާވަތްތަކެވެ. މިގޮތުން، އަލަށް ރަޖިސްޓްރީ ކުރެވޭ ދުންފަތުގެ ބާވަތްތައް އެ ލިސްޓުގައި ހިމަނަނީ، ރަޖިސްޓްރޭޝަން ނަމްބަރާ އެކީގައެވެ. https://x.com/HPA_MV/status/2008929736265986069 އެ ލިސްޓާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނީ، ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް ހިމެނޭ ބާވަތްތަކާއި އެ ބާވަތްތައް ޕެކެޓު ކުރާއިރު، ތަކެތި ހުންނަ އަދަދާއި އުފެއްދި ގައުމަށް ބަލައި، ތަފާތު އުފެއްދުމެއްގެ ގޮތުގައި މިހާރުގެ ލިސްޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންނަމަވެސް، ނިމުނު ޑިސެމްބަރު 22ގައި، އަދާހަމަކުރި ލިސްޓުގައި، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް އެތެރެ ކުރި ނަމަވެސް، ފްލޭވާސްއަށް ބަލައި، ވަކިން ރަޖިސްޓްރީ ކުރުން މިހާރު ލާޒިމެއް ނުވާނެ ކަމަށެވެ. އެހެންވެ، ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓުގައި ހިމަނާއިރު، ވަކި އުފެއްދުމެއް ކަމަށް ބަލާނީ، ދުންފަތުގެ އެ ބާވަތެއްގެ ނިސްބަތްވާ ކެޓެގަރީއާއި ބްރޭންޑްއާއި އުފެއްދި ގައުމެއް ވާނަމަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ އެއާއެކު، ކުރީގެ އެއްވެސް ބައެއް ތަފާތުވާނަމަ، ވަކިން ރަޖިސްޓްރީކޮށް، ވަކި އުފެއްދުމެއް ގޮތުގައި ލިސްޓު ކުރަން ޖެހެއެވެ. އެޗްޕީއޭއިން ބުނީ، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެކުރާއިރު، އެއީ ފްލޭވާއެއް ހިމެނޭ ބާވަތެއް ނަމަ، ތަކެތި އެތެރެކުރާ މަރުހަލާގައި ވަކި ފްލޭވާއެއްގެ ބާވަތެއްކަން އިނގޭ މައުލޫމާތު ހިމެނޭ ލިޔުން ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން މިދިޔަ އަހަރުގެ ތެރޭގައި ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން، ވޭޕާއި އީ ސިނގިރޭޓުގެ ބާވަތްތައް ރާއްޖޭގައި އެއްކޮށް މަނާކޮށްފައިވާއިރު، 2009 ވަނަ އަހަރުން ފެށިގެން އުފަންވި ޖީލަށް ސިނގިރޭޓާއި ދުންފަތް ވެސް ވަނީ އެއްކޮށް މަނާކޮށްފައެވެ. އެ ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން ވަނީ ތައުރީފުކޮށްފައެވެ. https://sun.mv/214013 ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ވަނީ ސަރުކާރުން ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އެހެންވެ، ކުރިން 110 ރުފިޔާއާ ހަމައިގައި ހުރި ސިނގިރޭޓު ފޮއްޓެއްގެ އަގު މިދިޔަ އަހަރުތެރޭ ވަނީ 240 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އެކަމަކު، ވަގަށް އެތެރެކޮށްގެން ސިނގިރޭޓު ވިއްކާ ކަމުގެ ޝަކުވާ ވެސް މިހާރު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ