ޕެންޝަން ފަންޑުގެ މުއާމަލާތާ ގުޅޭ ގޮތުން، މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ދެނެގަތުމަށް ކުޑޫގެ ގަރާރެއް
ސަރުކާރުން ބޭނުންވާ ގޮތަށް ޕެންޝަން އޮފީހުން ހިންގާ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ގަރާރެއް ހުށަހަޅުއްވައިފިއެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން ވަނީ ނިންމައިފައެވެ. އެ މުއާމަލާތް ހިންގަން އެއްބަސްވި ފަހުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޙައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދެއްވައިފައެވެ. https://sun.mv/217558 އެ މުއާމަލާތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ހުށަހެޅުއްވި ގަރާރުގައި ވަނީ، މަޖިލީހުން ހުއްދަ ލިބިގެން މެނުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެން ނުވާނެ ކަމަށާއި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ޚަރަދެއް ކުރާންވާނީ އެކަމަކަށް އެކަނި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި އާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ޚަރަދުކުރުން، ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން ނުވަތަ ނައްތާލުން ނުވަތަ ދޫކޮށްލުން އެއީ ހުއްދަނޫން އަމަލުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި، ޕެންޝަން އެސެޓްސް އިންވެސްޓް ކުރުމާ ބެހޭ އެއްވެސް ހުށަހެޅުމެއް ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ހުށަހަޅާނަމަ ހުށަހަޅަން ވާނީ ލިޔުމުންކަމާއި އެ ހުށަހެޅުމެއް އާންމުކޮށް ހާމަކުރަން ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައިވެއެވެ. މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޕެންޝަން ފަންޑުގެ މުއާމަލާތާ ގުޅޭ ގޮތުން، މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ދެނެގަތުމަށް ކުޑޫވަނީ ގަރާރެއް ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް މީގެ އިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގައި، ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް، އެޑްވާންސެއްގެ ގޮތުގައި ކަމާއި، އެގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5އަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންކަން ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައިވެއެވެ. ކުޑޫގެ ގަރާރުގައި ވަނީ، އެ އުސޫލާ ޚިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒު މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ ސަރުކާރަށް ނެގުުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެފަދަ މުއާމަލާތެއް ހިންގައިގެން ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީ ހަމަތަކާއި އުސޫލުތައް އެއް ފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް، ސަރުކާރުން ކުރާ ކަމެއް ކަމަށް ބަޔާންކޮށް އެެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ އިސް ބޭފުޅުންތަކެއް އިސްތިއުފާ ދެއްވިކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މި ފަދަ ގާބިލު ތަޖުރިބާކާރު އެތައް ބަޔަކު މިކަމާ ދެކޮޅު ހެދުމުން، މި ކަމުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭ. ސަރުކާރުގެ މި އަމަލުގެ ސަބަބުން ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ޚަރަދުކޮށް، ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުކޮށް ފެންނަން އޮތް އެކަމަކީ ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާ ފަދަ ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ސިފަކޮށްފައެވެ. އަދި އެއީ މަޖިލީހުން ފާސްކޮށްފައިވާ، މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް އެ ކަންކަމުގެ ބޭރުން، މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ނުވަތަ މަޖިލީހަށް އެންގުމަކާ ނުލައި ސަރުކާރުން ކުރާ ކަމެއް ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ. އެ މުއާމަލާތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ. https://www.sun.mv/217547 އެހެންވެ ގަރާރުގައިވަނީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން، ކުރަން ޖެހޭ ކަންކަން ކުރުމަށް ޓަކައި، ޕެންޝަން އޮފީހުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް އެދޭ ކަމަށެވެ. ޕެންޝަން އޮފީހުގެ މުއާމަލާތާ ގުޅޭ ގޮތުން އެ ދާއިރާގެ މާހިރުންގެ އިތުރުން، އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ނުރުހުން ފާޅުކުރައްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ