ތަރައްގީއަށް ކައުންސިލުތަކުން ހުރަހެއް ނާޅާ؛ ރައީސް އުޅުއްވަނީ ދޮގު އިލްޒާމު އަޅުވައި ފިތުނަ އުފައްދަން: އެމްޑީޕީ

ކައުންސިލުތަކުން ރަށްރަށުގެ ތަރައްގީއަށް ހުރަސްއަޅާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ދޮގު އިލްޒާމު އަޅުވައި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ކަމަށް ބުނެ، ރައީސްގެ އެ ވާހަކަތައް އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ. 
ވީ ކިހިނެއް؟ - ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ރައީސް ވަނީ ކައުންސިލުތަކުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީއަށް ދަތިވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން، އަތޮޅު ކައުންސިލަކީ ވެސް "އެއްވެސް ބޭނުމެއް އޮތް ތަނެއް ނޫން" ކަމަށް ސިފަކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ފަހު، އަތޮޅު ކައުންސިލުތައް މިހާރު ވަނީ އުވާ ލާފަ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. މީގެ އިތުރުން، ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނަށް ވަނީ އިސްލާހު ވެސް ގެނެސްފަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، މި ސަރުކާރަކީ ކައުންސިލުތައް ހިންގަން ފުރުސަތު ދޭނެ ސަރުކާރެއް ނޫންކަން ރައްޔިތުން މިހާރު ގަބޫލުކުރަންޖެހޭ ކަމަށެވެ. ގަފޫރު ވިދާޅުވީ ކައުންސިލުގެ ބާރު މިހާރު ހިނގަނީ ކައުންސިލުގެ ގޭޓާ ހިސާބަށް ކަމަށާއި ސަރުކާރުން ބޭނުން ކޮންމެ ވަގުތެއްގައި ކައުންސިލުތަކުގެ ބިންތައް ބޭނުން ގޮތަކަށް، ބޭނުން ބަޔަކަށް ދޫކޮށްލެވޭ ގޮތް ހަދާފައިވާ ކަމަށެވެ. 
މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ހާމަވަނީ ރައްޔިތުން ބޭނުންވަނީ ފިތުނަ ފަސާދައެއްނެތި ހަމަޖެހިގެން އެއްބައިވަންތަކާމާ އެކު މަސައްކަތްކުރަން ކަމަށާއި އެހެންކަމުން މަސައްކަތް ކުރަންވީ ރައްޔިތުން ބޭނުންވާ ދިމާލަށް ދާން ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ނަމަވެސް މި ފެންނަނީ ސަރުކާރުން ދިމާ އިދިކޮޅަށް މަސައްކަތް ކުރަމުންދާ ތަން. ސަރުކާރުން ބުނަނީ ކައުންސިލުތަކުގެ ސަބަބުންނޭ މަޝްރޫއުތައް ކުރިއަށް ނުދަނީ. އެއީ ހަމަ ސީދާ ރޯ ބުހުތާނު ދޮގު. ރައްޔިތުން އައްޔަންކޮށްފައިވާ އެތައް ބައެއްގެ މައްޗަށް މިވަރުގެ އިލްޒާމެއް އަޅުވައި އެ ތަނުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށްގެން ނުވާނެ،" ގަފޫރު ވިދާޅުވި އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަފޫރު ވިދާލުވީ ކައުންސިލުތަކަކީ ފަސް އަހަރުގެ މުއްދަތަށް ވެރިކަމަށް އަންނަ ވެރިއަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި ގައުމު ހިންގުމުގެ ނިޒާމު ފެށިގެން އަންނަންޖެހޭނީ ރައްޔިތުންނާ ހިސާބުން "ތިރިން މައްޗަށް" ކަމަށެވެ.
"މިއަންނަ [ކައުންސިލް] އިންތިހާބުގައި މިކަން ދެނެތިބެ ރައްޔިތުން ބޭނުންވާ މެންބަރުން ހޮވުމަށް ރައްޔިތުން ވޯޓުދޭން. އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުންގެ ހައްގުގައި މިއަދު އަޅުގަނޑުމެން ވޯޓުލާން އެބަޖެހޭ. ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ގަބޫލުކުރާ މީހުންނަށް މިއަދު އަޅުގަނޑުމެން ވޯޓުލާންޖެހޭނީ. ކޮންމެހެން ސަރުކާރުން ބުނީމާ ނުވަތަ ޕާޓީން ބުނީމާ ގޮސް ވޯޓުއަޅާ އުސޫލެއް ނޫން ރައްޔިތުން ގެންގުޅެންޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށް އެމްޑީޕީން ވަނީ މިއަދު ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ، އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ "މަކަރުވެރި ރޭވުމުގައި" ދެއްކެވި ވާހަކައެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނީ: 
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއް 
2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަކޮށްފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް
މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްގީއަށް އެދެވޭ ބަދަލެއް ގެނެސްފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމިތިބީތީ 
އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަމަށް ބަޔާނުގައިވެ އެވެ. މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފައިވާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.
މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށް ފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ އަޅާފައިވާ ކަމަށާއި އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސް އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އަދި އެ ބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ގާނޫނާ ގަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސް [މުހައްމަދު މުއިއްޒު] އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް މި ޕާޓީން ގަބޫލުކުރުމަވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ގާނޫނުން ކައުންސިލްތަކަށް ފަހި ކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ