ވީއައިއޭގެ އާ ޓާމިނަލަށް 37 އެއާލައިނެއް ބަދަލުކޮށް، ބައި މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް ވަންއިން މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ. ޑްރޯން ޝޯއަކާއި، ރެކޯޑް ފޮތުން ޖާގަ ހޯދި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކާއެކު، އާ ޓާމިނަލް ހުޅުވީ މިނިވަން ދުވަހާ ގުޅުވައި، މިދިޔަ ޖުލައި 26ގައެވެ. އެމްއޭސީއެލްއިން ބުނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ޓާމިނަލުން 508،008 ފަސިންޖަރުންނަށް ޚިދުމަތް ދިފައިވާ ކަމަށެވެ. އެއީ ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުން ކަމަށް އެ ކުންފުނިން ބުންޏެވެ. https://sun.mv/209136 އޭގެ އިތުރުން، އިއްޔެއަކީ އެ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިން ދުވަސް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެގޮތުން އިއްޔެ އެކަނިވެސް 19،551 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 8،681 މީހުންނާއި ރާއްޖެ އައި 10،870 ފަސިންޖަރުން ކަމަށް އެމްއޭސީއެލުން ހާމަކުރިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، އާ ޓާމިނަލުން މިހާރު އަންނަނީ 37 އެއާލައިނަކަށް ޚިދުމަތް ދެމުންނެވެ. އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 2.16 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ 325,544 ފަތުރުވެރިންނެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅައިފައި އޮތް އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ