އަލް ނަސްރުގައި މި ހުރީ އުފަލުން: ރޮނާލްޑޯ އަލް ނަސްރުގައި މި ހުރީ އުފަލުން: ރޮނާލްޑޯ

ރިޔާދު، ސައުދީ އަރަބިއްޔާ (ފެބްރުއަރީ 23) - ސައުދީ ޕްރޮފެޝަނަލް ފުޓްބޯލް ލީގުގެ އަލް ނަސްރުގައި އޭނާ ހުރީ އުފަލުން ކަމަށް މަޝްހޫރު ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އަލް އިއްތިހާދުގައި ހުރި ފްރާންސް ފޯވާޑް، ކަރިމް ބެންޒެމާ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލް އަށް ސޮއިކުރި ޑީލުގައި ސައުދީން ކްލަބްތައް ހިންގާ ގޮތާ މެދު ނުރުހިގެން ރޮނާލްޑޯ، އެންމެ ފަހުން އަލް ނަސްރު ކުޅުނު ދެ މެޗުގައި ވެސް ކުޅެފައިނުވެ އެވެ.
ރޮނާލްޑޯ، 41، ބޮޑަށް ހިތްހަމަނުޖެހުނީ، ސައުދީގެ ކްލަބްތައް ހިންގުމަށް ފަންޑް ދޭ، ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ފައިސާ ދޭ ސިސްޓަމުގެ ތެެރެއިން ހަރަދުކުރަން އޮންނަ އޮނިގަނޑަށް ބަލައިގެން ކުރިއަށްދާތީވެ، އަލް ނަސްރުގެ ކަންކަން ހަމަނުޖެހި ހުރުމުންނެވެ. އެއީ، އަލް ނަސްރުގެ ބައެއް ސްޓާފުންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހަމަނުޖެހި ހުރުމާއި، ރޮނާލްޑޯގެ ގުޅުން ބޮޑު އަލް ނަސްރުގެ ދެ އެޑްމިނިސްޓްރޭޓަރުން ކަމަށްވާ ސިމާއޯ ކުޓީނިއޯ އާއި ޖޯސޭ ސެމޭޑޯގެ ބާރު ގެއްލޭގޮތަށް ކަންކަން ކުރިއަށްދާތީވެ އެވެ. މި ދެ ކަންތައް ހައްލުކުރަން ރޮނާލްޑޯ ކުރި ޝަރުތައް ކްލަބުން ތާއީދުކުރުމުން، އޭނާ އެނބުރި މެޗުތަކަށް ނުކުންނަން ނިންމީ އެވެ.
މިދިޔަ ހަފްތާގައި މެޗުތަކަށް ނުކުތް ރޮނާލްޑޯ ވަނީ މިދިޔަ ހޮނިހިރު ދުވަހު އަލް ހާޒެމް އަތުން 4-0 އިން އަލް ނަސްރު މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
"އަހަރެން މި ހުރީ ވަރަށް އުފަލުން. އަބަދުވެސް މި ފަހުން އަަހަރެން ބުނަމުން މި އަންނަނީ އަހަރެން މިހާރު ނިސްބަތްވަނީ ސައުދީ އަށޭ. މިއީ، އަހަންނަށް ވަރަށް ރަނގަޅު މަރުހަބާއެއް ކީ ގައުމެއް. އަހަރެންގެ އާއިލާ އާއި ރަށްޓެހިން ވެސް އެ އުޅެނީ އުފަލުގައި. އަހަރެން މި ހުރީ އުފަލުގައި، މި ގައުމުގައި ކުރިއަށްދާން ބޭނުމީ ވެސް،" ރޮނާލްޑޯ ބުންޏެވެ.
މި ވަގުތަށް ބަލާއިރު، އަލް ނަސްރު އޮތީ ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގަ އެވެ. ރޮނާލްޑޯ ބުނީ އަމިއްލަ އަތުގައި ބާރު ބާއްވައިގެން ކޮންފިޑެންސާ އެކު ލީގުގައި ކުރިއަށްދިއުން މުހިންމު ކަމަށެވެ.
"އެ ގޮތަށް މަސައްކަތްކޮށްފައި، ސީޒަން ނިންމާލުމަށް ފަހު ދެވޭ ހިސާބެއް ބަލާނީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ، 2022 ވަނަ އަހަރު ފަހުކޮޅުގައި، އަލް ނަސްރަށް ބަދަލުވިއިރު، މިދިޔަ އަހަރު ވަނީ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ