މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އެދިވަޑައިގެންފި އެވެ.
މެޑަމް ފާތުން ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ދައުވާކޮށް، ބޭއިންސާފުން ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރާއްޖެ މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުން ކަމަށެވެ. އެ މަސައްކަތް ނުކުރެއްވި ނަމަ އެ މަނިކުފާނު މިއަދު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަތީސް ކަމަށްވެސް ވިދާޅުވި އެވެ.
“ޔާމީންގެ މިނިވަންކަމާ މި ވޯޓު ވަނީ ގުޅިފައި، ތިޔަ ބޭފުޅުން ޑރ. މުއިއްޒަށް ދެއްވާ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބި، އެ މަނިކުފާނަށް ލިބިގެންދާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް އެންމެ ފަހި މަގު،” މެޑަމް ފާތުން ވިދާޅުވި އެވެ.
މެޑަމް ފާތުން ވަނީ ރައީސް ޔާމީން ޖަލަށްލި ފަހުން އެ މަނިކުފާނު މިނިވަން ކުރަން ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައީސް ޔާމީންގެ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ މުއިއްޒަށް ވޯޓު ދެއްވުން ކަމަށާއި އާދޭހަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
މެޑަމް ފާތުންގެ އާދޭސް: ރައީސް ޔާމީން މިނިވަން ކުރުމަށް މުއިއްޒަށް ވޯޓު ދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ