މުޅި ރާއްޖެ ފައިބާ އޮޕްޓިކް ނެޓްވޯކަކުން ގުޅާލުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުނިޔޭގެ ފެންވަރުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާޖޭގައި ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކެއް ގާއިމްކުރުމަށް 30 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަށްޓަކައި އެކަމަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭޝަން އިން ފަށައިފި އެވެ.
ސިންގަޕޫރުގައި ނިމިގެންދިޔަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް"ގައި ހާމަކުރި މި މަޝްރޫއާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޖަމީލު ވިދާޅުވީ، ނޭޝަނަލް ބްރޯޑްބޭންޑް ޕޮލިސީ 2014-2018ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ކުރިއަށް ގެންދާން ރާވާފައި ވަނީ، ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުނިތަކާ ވެސް ގުޅިގެން ކަމަށެވެ.
"މިއީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު މަޝަރޫއެއް. މި މަޝްރޫއު ކުރިއަށް ގެންދެވޭނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާވެސް މަޝްވަރާކުރެވިގެން،" ބްރޯޑްބޭންޑް ޕޮލިސީގެ މައިގަނޑު އެއް ލަނޑުދަނޑިއަކީ ގައުމީ ބްރޯޑްބޭންޑް އިންފްރާސްޓްރަކްޗާ ތަރައްގީކުރުންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އެކުލަވާލާފައިވާ ނޭޝަނަލް ބްރޯޑްބޭން ޕޮލިސީގެ އެއްލަނޑުދަނޑީގެ ގޮތުގައި، މިހާރު ރާއްޖޭގައި ބޭނުންކުރާ، ސަބްމެރިން ކޭބަލް އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެ އެވެ.
ޖަމީލް ވިދާޅުވީ، މުޅި ރާއްޖެއަށް ފައިބާ އޮޕްޓިކް ނެޓްވޯކަކުން ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުގެ ލަނޑުދަނޑި ހާސިލްވާއިރު، ހަމަ މި މަޝްރޫއުގެ ދަށުން، ހުވަދޫ ކަނޑު "ވަން އެންޑް ހާފް ޗެނަލް" ހުރަސްކޮށް އިތުރު ސަބްމެރިން ކޭބަލްއެއްވެސް ގާއިމު ކުރެވޭނެ ކަމަށެވެ. ދެވަނަ ސަބްމެރިން ކޭބަލެއްގެ ބޭނުމަކީ، ހައްލުކުރަން އުނދަގޫ މައްސަލައެއް މިހާރު އޮތް ކޭބަލަށް ދިމާވެއްޖެ ހާލަތެއްގައި ވެސް ދެކުނުގެ އަތޮޅުތަކަށް ހިދުމަތް މެދުކެނޑުނަ ނުދިނުމަށް އަޅާ ކޭބަލެއް ކަމަށެވެ.
ފައިބާ އޮޕްޓިކް ވިއުގައެއް ގާއިމުކުރުމުގެ މަޝްރޫއަށް ބޮޑު ހަރަދުތަކެއްދާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި އެކަމަށްދާ ހަރަދު ލަސްވެގެން 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެއްކޮށް ކަވަރުކުރެވޭނެ އެވެ. އަދި ސަރުކާރުން އިންވެސްޓަރުން ހޯދައިގެން މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ، މިހާރު މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އެފަދަ ބިޔަ މަޝްރޫއެއް ހިންގުމަށް މާލީ ދަތިތަކެއް ހުރެދާނެ ކަމަށް ބަލާފައި ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެެވެ.
ޓެލެކޮމިއުނިކޭޝަންއާ ބެހޭ މިނިސްޓްރީން އިތުރަށްބުނެފައިވަނީ، މި މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ކޮންސޯޓިއަމްއެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ