ރާއްޖެއިން ހައްޔަރުކުރި އައިއެސް މީހާގެ މައްޗަށް ފަސް ދައުވާއެއް

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އުޅުނިކޮށް ހައްޔަރުކުރި ދިވެހި މީހާގެ މައްޗަށް ދައުވާ ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުއެވެ. ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވަނީ ޖުމްލަ ފަސް ދައުވާއެކެވެ.
ފުރަތަމަ ދައުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއެެވެ. އޭނަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި ދައުވާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ހޫދުގެ މައްޗަށް ދެވަނައަށް އުފުލާފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީކަމަށެވެ. މީގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ހޫދުގެ މައްޗަށް ދެން އުފުލާފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް)ގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީއެވެ. މި ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ހޫދުގެ މައްޗަށް އުފުލާފައިވާ ހަތަރު ވަނަ ދައުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، އޭނަ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއީދުކޮށްފައިވާތީއެވެ. މު ކުށުގެ އަދަބަކީ 03 އަހަރާއި 05 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ފަސް ވަނަ ދައުވާއަކީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ސަބަބކީ، އޭނަ އިސްލާމިކް ސްޓޭޓް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީއެވެ. މު ކުށުގެ އަދަބަކީ 01 އަހަރާއި 03 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ