ކޮރަޕްޝަން މަނާކުރުމާ ގުޅޭގޮތުން ހުށައެޅި އިސްލާހު ފާސްކޮށްފި

ކޮރަޕްޝަން މަނާކުރުމާއި ގުޅޭގޮތުން އޭސީސީގެ ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އިއްޔެގެ ޖަލްސާގައި އިސްލާހު ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލް ދިރާސާކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާތީ އެ ޤާނޫނު އުވާލާއިރު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހު ކުރަން ޖެހޭތީ އެ އިސްލާހު އެ ޤާނޫނަށް ގެނައުމަށްޓަކައި ކަމަށެވެ.
މިހާރު ގެނެސްފައިވާ އިސްލާހުގައި ކޮރަޕްޝަން ކަމަށް ބުނެފައިވަނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތަށް ކަމަށެވެ.
އަދި ގާނޫނުލް އުގޫބާތުގެ 6 މާއްދާއެއްގައި ބަޔާންކޮށްފައިވާ ކުށާއި އެނޫން ވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް އެއީ ކޮރަޕްޝަން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ