ޑޮކިއުމެންޓްރީ ހެދުމަށް އެހީވިމީހުންގެ މައްސަލަ ތަހުގީގުކުރަން އަންގައިފިން: އުމަރު

ރާއްޖެއަކީ ޓެރަރިސްޓުންނަށް ރައްކާތެރި، ޓުއަރިސްޓުންނަށް ނުރައްކާތެރި ތަނެއް ކަން ދެއްކުމަށް ޖަރުމަނު ބަޔަކު އުފައްދަން އުޅުނު ޑޮކިއުމެންޓްރީގެ މަސައްކަތުގައި އެމީހުންނަށް އެހީތެރިވެދިން މީހުންގެ މައްސަލަ ތަހުގީ ކުރަން ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އަންގަވައިފިއެވެ. ހޯމް މިނިސްޓަރު އުމަރު މިއަދު "ސަން" އަށް ވިދާޅުވީ ޑޮކިއުމެންޓްރީ ހެދުމުގެ ފަހަތުގައި ތިބި މީހުންގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަ ޖެނެރަލް އަށް ފޮނުވަން އަންގަވާފައިވާނެ ކަމަށެވެ. ޑޮކިއުމެންޓްރީގައި ރާއްޖޭގެ ރައްޔިތުންނާ މެދު ކޮށްފައިވާ ތުހުމަތު ތަކަކީ "ބޭކާރު ވާހަކަތަކެއް" ކަމަށް އުމަރު ވިދާޅުވިއެވެ. އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ވެސް އުމަރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. "ރުޅި އައިސްގެން އެމްޑީޕީން މިހާރު ބަޑި އެޖަހަނީ އަމިއްލަ ފަޔަށް. އެމީހުން މިހާރު ޖެހިފައި އެތިބަ ދަންތުރައިގައި ޖެހުމުގެ އިލްޒާމު އަޅުވަން ޖެހޭނީ އެމީހުންގެ އަމިއްލަ ނަފުސުތަކުގައި. ރައްޔިތުން ނުވަތަ ސަރުކާރުގެ ބޮލުގައެއް ނޫން،" އުމަރު ވިދާޅުވިއެވެ. ޑޮކިއުމެންޓްރީ ހެދުމުގެ ފަހަތުގައި އެމްޑީޕީ ވެސް ވާކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ. ޖަރުމަނުގެ ޕަބްލިކް ބްރޯޑްކާސްޓަރުން ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އެއް ކަމަށްވާ އޭއާރްޑީ އިން ރާއްޖޭގައި އުފައްދަމުން ދިޔަ ޑޮކިއުމެންޓްރީ ފިލްމަށް އެމީހުން ދީފައިވާ ނަމުގެ މާނައަކީ " ޓެރަރިސްޓުންގެ ގޭގެ ގޮތުގައި ސުވަރުގެ" އެވެ. އެ ނަމުގައި އެމީހުން ހަދަން އުޅުނު ފިލްމަކީ އެމީހުން ބުނެފައިވާ ގޮތުގައި އައި އެސް އިން ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާ ބެހޭ ގޮތުން ހަދަން އުޅުނު ދިރާސާއެކެވެ. ރާއްޖޭގައި ކުރި މަސައްކަތާ ބެހޭ ގޮތުން އެމީހުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި "އިސްލާމިޒަމް" ދަނީ ވަރުގަދަވަމުންނެވެ. އަދި ރާއްޖޭގެ 200 މީހުން ވަނީ އައިއެސްއާ ގުޅިފަ އެވެ. އަދި އާބާދީގެ ނިސްބަތުން އައިއެސްގެ ސަޕޯޓަރުން އެންމެ ގިނަ ގައުމަކީ ރާއްޖެ އެވެ. ފިލްމު ހަދަން އުޅުނު މީހުން އާއްމުކޮށްފައިވާ ޓުރެއިލާގައި ބުރުގާ އަޅައިގެން ތިބި ދިވެހި އަންހެނުންނާއި ފުރުގާން މިސްކިތުގައި މީހުން ނަމާދު ކުރާ މަންޒަރު ދައްކައެވެ. އަދި "ބިކިނީގައި އުޅުން މަނާކަން އެންގުމަށް" ރާއްޖޭގެ ރަށެއްގައި ބަހައްޓާފައިވާ ބޯޑެއް ވެސް ދައްކަ އެވެ. ފިލްމު ހަދަން އުޅުނު މީހުން ހާމަކޮށްފައިވާ ގޮތުގައި އެކަމުގައި އިސްކޮށް އުޅުނު މާކަސް ސްޕެއިކާ ރާއްޖޭން ޑީޕޯޓްކޮށްލާފައި ވަނީ 10 އަހަރު ދުވަހަށެވެ. ރާއްޖެއަކީ ނުރައްކާތެރި ތަނެއް ކަމަށް ދައްކަން އެ ޑޮކިއުމެންޓްރީ އުފެއްދުމުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޭއާރްޑީގެ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ