ޞަޙާބީންގެ ވާހަކަ – އަބްދުﷲ ބުން އުންމު މަކްތޫމް(رضى الله عنه) – ފަހުބައި
ބަދުރުގެ ހަނގުރާމަ ނިމުމާއެކު މާތް ﷲ ކީރިތި ރަސޫލާއަށް(صلى الله عليه وسلم) ،މުޖާހިދުންގެ ދަރަޖަ، ހަނގުރާމައަށް ނިކުމެ ވަޑައި ނުގެން ރަށުގައި ތިއްބެވި މީސްތަކުންނަށްވުރެއް މަތިވެރިކޮށް ވަހީއެއް ބާވާލެއްވެވިއެވެ. އެއީ މުޖާހިދުންނަށް ހިތްވަރު ދެއްވާ ހަނގުރާމައަށް ނުކުމެ ވަޑައި ނުގެއް ތިއްބެވި ބޭކަލުންވެސް ކަންނެތްކަން ދޫކޮށްލުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް މި ވަހީގެ ސަބަބުން އަބްދުﷲ ބިން އުންމު މަކްތޫމަށް(رضى الله عنه) ވަރަށް ބޮޑަށް އަސަރު ކުރެއްވިއެވެ. އެހިނދު އެކަލޭގެ ފާނު ކީރިތި ރަސޫލާއާ(صلى الله عليه وسلم) މުހާތަބު ކޮށް ވިދާޅުވިއެވެ.“އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަށް ޖިހާދަށް ދެވޭނަމަ، ކަލޭގެ ފާނާއެކު ޖިހާދަށް ވަޑައިގަތީމުހެވެ”އެހިނދު ، އެމީހެއްގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން ޖިހާދަށް ވަޑައިނުގެންނެވުނު މީސްތަކުންނާ ބެހޭގޮތުން ވަހީއެއް ބާވާލެއްވުން އެދި ކީރިތި ރަސޫލާ މާތް ﷲ އަށް ދެންނެވިއެވެ. އަދި ކީރިތި ރަސޫލާގެ(صلى الله عليه وسلم) ދުއާ އިޖާބަކުރަށްވާ މާތް ﷲ ނިސާ ސޫރަތުގެ 95 ވަނަ އާޔަތް ބާވާލެއްވިއެވެ. އެ އާޔަތުގައި ވަނީ:“މުއުމިނުންގެ ތެރެއިން އުނދަގޫތަކާއި އުޒުރުތަކުގެ ވެރީން މެނުވީ، ހަނގުރާމަ ނުކޮށް ތިބޭ މީހުންނާއި، އެބައިމީހުންގެ ފުރާނަ ތަކާއި، މުދާތަކުން މާތްﷲގެ މަގުގައި ޖިހާދުކުރާ މީހުންނާ ހަމަހަމަ ވެގެން ނުވެއެވެ. އެމީހުންގެ ފުރާނަތަކާއި، މުދައުތަކުން ޖިހާދުކުރާ މީހުން ހަނގުރާމައަށް ނުގޮސް ތިބޭ މީހުންނަށްވުރެން، ދަރަޖައިގެ ގޮތުން މާތް ﷲ މާތް ކުރަށްވައިފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮ ދަރުމަ ދެއްވުމަށް މާތްﷲ ވައުދު ކުރައްވާފައިވެއެވެ. ހަނގުރާމައަށް ނުގޮސްތިބޭ މީހުންނަށްވުރެއް ޖިހާދުކުރާ މީހުން، ބޮޑުވެގެންވާ ދަރުމަ ދެއްވުމުން މާތްﷲ މާތްކުރެއްވިއެވެ.”އަބްދުﷲ ބުން އުންމު މަކްތޫމު(رضى الله عنه) މެން ފަދަ ނުކުޅެދޭ ބޭކަލުންގެ ކިބައިން ޖިހާދުގެ ވާޖިބު އުފުއްލެވިގެން ވީނަމަވެސް ، މުސްލިމުން ޖިހާދު ކުރާއިރު ރަށުގައި ތިބޭ މީހުންގެ ތެރެއިން ވުމަކަށް އެކަލޭގެ ފާނުންގެ ހިތްޕުޅެއް ނުރުހެއެވެ. އެހެން ކަމުން ކޮންމެ ހަނގުރާމައެއްގައި ބައިވެރިވުމަށް އެކަލޭގެ ފާނު އަޒުމް ކުރެއްވިއެވެ. އަދި އެކަލޭގެ ފާނު ވިދާޅުވިއެވެ.”ތިމަންނާއަކީ ލޯފަން މީހެކެވެ. އަހަރެންނަކަށް ތިޔަބައިމީހުން ދުވާ ފަދައިން ދުވެ ވަޑައެއް ނުގެންނެވޭނެއެވެ. އަހަރެން މުސްލިމުންގެ ދެސަފުގެ މެދަށް ލަހަރެވެ. އަހަރެން މުސްލިމުންގެ ދިދަ ހިފަހަށްޓާނަމެވެ. އަދި އަހަރެން އެ ދިދަ ރައްކައުތެރިކޮށް ، އެ ހިފައިގެން ދާނަމެވެ.”ހިޖުރައިގެ 14 އަހަރުފަހެވެ. މުސްލިމުން ދިޔައީ އެ ދުވަސްވަރުގެ އެންމެ ގަދަ އެއްބާރުކަމުގައިވި، ފާރިސީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންނެވެ. އެހިނދު މުސްލިމުންގެ އިމާމު އުމަރު ބުނުލް ހައްޠާބު(رضى الله عنه) މުސްލިމުންގެ ގަވަރު ނަރުންނަށް ސިޓީއެއް ލިޔުއްވިއެވެ. އެ ސިޓީގައި ވަނީ މިފަދައިންނެވެ.” އެމީހެއްގެ އަތުގައި ހަތިޔާރެއް ނުވަތަ އަހެއް ނުވަތަ އަހަރުމެންނަށް އެއްވެސް އެހީއެއް ލިއްބައިދެވޭނެ މީހަކު ނަމަ އަވަހަށް ތިމަންގެ އަރިހަށް ފޮނުވާށެވެ.” އުމަރުގެ ފާނުންގެ(رضى الله عنه) މި ގޮވާލެއްވުމަށް އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން މަދީނާއަށް ޖަމާވިއެވެ. އެމީޙުންގެ ތެރޭގައި އަބްދުﷲ ބިން އުންމު މަކްތޫމުވެސް(رضى الله عنه) ހިމެނި ވަޑައިގަންނަވައެވެ.މުސްލިމުންގެ ލަޝްކަރުގެ މަށްޗަށް އުމަރުގެފާނު ސަޢުދު ބިން އަބީ ވައްޤާޞް އިސްކުރަށްވާ އެކަލޭގެ ފާނަށް ނަސޭހަތް ދެއްވާ ހިތްވަރު ދެއްވެވުމަށްފަހު ލަޝްކަރު ފޮނުވާލެއްވެވިއެވެ. މުސްލިމުންގެ ލަޝްކަރު ޤާދިސިއްޔާ އާ ހަމަށް ދެވުނު އިރު އަބްދުﷲ ބިން އުންމު މަކްތޫމު(رضى الله عنه) ހުންނެވީ ހަނގުރާމައިގެ ދަހަނާކޮޅު ތުރުކުރަށްވާ ފުރިހަމައަށް ތައްޔާރުވެ ވަޑައިގެންނެވެ. އަދި އެކަލޭގެ ފާނު ޝަހީދު ވަންދެން މުސްލިމުންގެ ދިދަ ހިމާޔަތް ކުރައްވާ ރައްކައުތެރި ކުރެއްވުމަށް ހުވާކުރެއްވިއެވެ.މުސްލިމުން ފާރިސީންނާ ބައްދަލުވެ 3 ދުވަހުގެ މުއްދަތަށް ހަނގުރާމަ ދެމިގެން ދިޔައެވެ. އެހަނގުރާމަ ވެގެންދިޔައީ މުސްލިމުންގެ ތާރީހުގައިވެސް އެންމެ އުނދަގޫ އަދި އެންމެ ގެއްލުންބޮޑު އެއް ހަނގުރާމައަށެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު މުސްލިމުން ފާރިސީންގެ މަށްޗަށް ކާމިޔާބު ހޯދާ އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ކިއްލާ ފުނޑު ފުންޑު ކޮށްލެއްވިއެވެ. އެ ހަނގުރާމައިގެ ސަބަބުން ބުދަށް އަޅުކަން ކުރަމުން ދިޔަ ޤައުމެއް އިސްލާމީ ހިޔާވަހިކަމުގެ ދަށަށް ގެނެވުނެވެ. ނަމަވެސް އެއީ ދީނަށްޓަކައި ޤުރުބާންވި އެތަށް ސަތޭކަ މުސްލިމުނެއްގެ ބަދަލުގައެވެ. އެމަތިވެރި ޝަހީދުންގެ ތެރޭގައި އަބްދުﷲ ބިން އުންމު މަކްތޫމުވެސް(رضى الله عنه) ހިމެނި ވަޑައިގެންނެވިއެވެ. އެކަލޭގެ ފާނު ޝަހީދުވެވަޑައިގެން އޮންނެވީވެސް މުސްލިމުންގެ ދިދަ އެކަލޭގެފާނުންގެ އަތްޕުޅުގައި ވާ ހާލުގައެވެ.ނިމުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ