ހާލަތުގެ މައްޗަށް ނަޒަރުކޮށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ހިންގުން ޒުވާން ޓީމަކާއި ހަވާލުކުރުމަކީ މިސާލެއްކަމަށާ ގާސިމް ދައްކަވާ މިސާލު އެހެން ޕާޓީތަކުން ދަސްކުރަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ.
މުހައްމަދު އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހާލަތުގެ މައްޗަށް ނަޒަރުކޮށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ހިންގުން ޒުވާން ޓީމަކާއި ހަވާލުކުރުމަކީ ދުރުވިސްނޭ، އަދި ބިނާކުރަނިވި ވިސްނުމުގެ މިސާލެއްކަމަށެވެ.
އަދި މިއީ އެހެން ސިޔާސީ ޕާޓީތަކުން ދަސްކުރަންޖެހޭ އަދި ގައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭވެސް ކަމެއްކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
މުހައްމަދު އަހުމަދު ވިދާޅުވީ މި ދަނޑިވަޅަކީ ގާސިމް އިބްރާހިމްފަދަ ތަޖްރިބާ ހުރި އަދި ދިވެހި ރައްޔިތުންނާއި ގައުމުދެކެ ލޯބިވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާއިއެކު އެއް ކެންޑިޑޭޓަކު ނެރެ އިންތިޚާބު ކާމިޔާބުކުރަންވީ ވަގުތުކަމަށެވެ. މުހައްމަދު ވިދާޅުވީ ގާސިމް އިބްރާހިމަކީ ގައުމާއި، ރައްޔިތުންގެ ހައްގުގައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ބޭފުޅެއްކަމަށެވެ. އެހެންކަމުން މިފަހަރުވެސް ގާސިމް ހުންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ފަހަތަށް ޖެހިވަޑައިގަންވަނަން ޖެހޭނަމަ އެކަން ކުރައްވަން ތައްޔާރަށްކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
މުހައްމަދު އަހުމަދު ވިދާޅުވީ އެކަން މިހާރުވެސް ގާސިމް ގެންދަވަނީ ސާބިތުކޮށްދެއްވަމުންކަމަށާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ޕާޓީގެ ލީޑާރޝިޕް ޒުވާން ސިޔާސީ ބޭފުޅުންތަކެއްގެ އަތްމައްޗަށް ދޫކޮށްލެއްވުމަކީ އޭގެ ފުރިހަމަ މިސާލެއްކަމަށެވެ.
ރިޔާސީ އިންތިޚާބު ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތައް ދަނީ ކުރިއަށެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެ މަޝްވަރާތައް ކާމިޔާބުވުމަށް އެދޭކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ކެންޑިޑޭޓެއް ނެރުމަކީ އުންމީދުކަމަށް ހާމަކޮށްފައެވެ. ކޯލިޝަން ކެންޑިޑޭޓެއް ނެރެވިއްޖެނަމަ އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ދާދި ފަސޭހަކަމެއްކަމަށް ގިނަ ރައްޔިތުން ދެކެއެވެ.
މި ސަރުކާރުގެ އަމަލުތަކާއިމެދު ރައްޔިތުން ހިތްހަމަނުޖެހި، ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު، މި ސަރުކާރު ގެނައުމަށް މަސައްކަތްކުރި ގިނަ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުން ވަނީ ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގެންފައެވެ. އިދިކޮޅު ހަރަކާތްތައް ހުއްޓުވާ، ސަރުކާރާއި އިދިކޮޅުވާ ލީޑަރުން ހުއްޓުވުމަށް ތަފާތު ގާނޫނުތައް ހަދާ، ފުލުހުންނާއި، ޕީޖީ މެދުވެރިކޮށް ތަފާތު މައްސަލަތައް ތަހުގީގުކޮށް ދައުވާ އުފުލާ، ގިނަ ލީޑަރުން ވަނީ ނުހައްގު އަނިޔާގައި ޖަލުގައި ބަންދުކޮށްފައެވެ.
ގާސިމް ދައްކަވާ މިސާލު އެހެން ޕާޓީތަކުން ދަސްކުރަންޖެހޭ: މުހައްމަދު އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ