ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަކީ ހިތްވަރު ގަދަ، ސާބިތުކަންމަތީގައި ހުންނަވާނެ ބޭފުޅެއް ކަމަށާއި ބަޔަކު އެ މަނިކުފާނުގެ މޭގައި ބަޑި ޖެއްސިއަސް އިސްތިއުފާ ދެއްވާފައި ވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިޓީ ލީޑަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫގައި ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ބަޔަކު އިސްތިއުފާ އަށް ގޮވައ،ި މުޒާހަރާ ކުރާ ކޮންމެ ފަހަރަކު ރައީސުލްޖުމްހުރިއްޔާ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
"މަލްޓި ޕާޓީ ވެރިކަމުގެ ނިޒާމެއްގައި އިދިކޮޅު ޕާޓީތަކުން މުޒާހަރާ ކުރުމަކީ އެއީ ޑިމޮކްރަސީގެ އެންމެ އަސާސްކަން ވެސް އަޅުގަނޑުމެން ގަބޫލް ކުރަން. އެހެންވީމާ ބަޔަކު މުޒާހަރާ ކުރާ ކޮންމެ ފަހަރަކު ރައީސުލްޖުމްހުރިއްޔާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރެވޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ. "...އެންމެ އިބާރާތަކުން ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑަށް ދެންނެވޭނީ ފެބްރުއަރީ ހަތެއްގައި ދިމާވި ކަންތައްތަކަކީ ގުދުރަތުގެ ނިޔާއޭ. އެކަމަކަށް އެއްވެސް ހާލެއްގައި އެއްވެސް ބަޔަކު އެއީ ބަޣާވަތަކޭ ނުވަތަ އެއީ ބޮލުގަ ބަޑި ޖައްސައިގެންނޭ މިހެން މި ގޮތަށް ވާހަކަ ދެކެވޭނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި ސާބިތުވާނެ އެއްވެސް ކަމެއް މިއަދާ ހަމައަށް ފެންނާކަށެއް ނެތް. އަދި އެކަން ކޯނީ ރިޕޯޓުން ވެސް މުޅި ދުނިޔެއަށް ހާމަވެގެން ހިނގައްޖެ."
ޑރ. ޑީޑީ ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް "ގާސިމްގެ ބޮލުގައި ކީއްކުރަންތޯ މޭމަތީގައި ބަޑި ޖެއްސިއަސް އިސްތިއުފާއެއް ނުދެއްވާނެ،" ކަމަށެވެ.
"އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ މި ރާއްޖެ އަށް މަލްޓި ޕާޓީ ވެރިކަމުގެ ނިޒާމެއް ތައާރަފް ކުރުމަށްޓަކައި އެންމެ ބުރަކޮށް، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އެ މަނިކުފާނަށް ރަނގަޅަށް ހަޖަމް ކުރެއްވޭނެ މަލްޓި ޕާޓީ ވެރިކަމުގެ ނިޒާމެއްގައި، އޭރު އޮންނަ ސަރުކާރާ އިދިކޮޅަށް ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް މުޒާހަރާ ވެސް ކުރާނެކަން. އިސްތިއުފާ އަށް ވެސް ގޮވާނެކަން. އެކަމަކު އިސްތިއުފާ އަށް [ބަޔަކު] ގޮވާލާ ކޮންމެ ފަހަރަކު ނުވަތަ ބަޔަކު މުޒާހަރާ ކުރާ އިރަށް އެއީ އިސްތިއުފާ ދެއްވަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ގަބޫލެއް ނުކުރައްވާނެ. އިސްތިއުފާއެއް ނުވެސް ދެއްވާނެ. އެހެންވީމާ އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެކަމަކު ކޮބައިތޯ ރައްޔިތުންނަށް އެ ވިދާޅުވާ ބުރުބުރުން ހުށަހަޅުއްވާ ނަނާ ހުވަފެން ދައްކަވާ ބޭފުޅާ އަދިވެސް ހަތެއް ފެބްރުއަރީއެއް އައިމާ އިސްތިއުފާ ނުދެއްވާނެ ކަމުގެ ގެރެންޓީއެއް ކޮބައިތޯ؟ މިއީ ރައްޔިތުން ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް."
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޔަކު މަޖުބޫރުކޮށްގެން، ބޮލުގައި ބަޑި ޖައްސައިގެން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ޑރ. ޑީޑީ ވަނީ ރޭ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށާއި އެކަމަކަށް އެއްވެސް ބަޔަކު އެއްވެސް އިރެއްގައި މަޖުބޫކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ނަޝީދު އަމިއްލަ އަށް ނިންމެވި ނިންމެވުމެއް ކަމަށް ފެބްރުއަރީ 7 ގެ ކަންތައްތައް އެންމެ ގާތުން ދެކެވަޑައިގެންނެވި މީހެއްގެ ހައިސިއްޔަތުން ގަބޫލް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެންޑީއެފްގެ ގާނޫނުގަ ކަނޑައެޅިފަ އޮންނަ ލައިން އޮފް ކޮމާންޑް އޭރު ރައީސް އަމިއްލަ ފުޅަށް ކޮމާންޑް ދެއްވައި ވަކި ހިސާބަކުން ސެކިއުރިޓީގެ ހުރިހާ ކޮންޓްރޯލެއް ގެއްލިގެން ދިޔަ ހިސާބުން އޭރު ރައީސަށް ލިބިފައި އޮތް ގާނޫނީ ބާރުވެރިކަމުގެ ފުރުސަތު ވެސް އެ މަނިކުފާން އަމަލު ކުރެއްވި ގޮތުގެ ސަބަބުން ގެއްލިގެން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން ދިޔަ،" ޑރ. ޑީޑީ ވިދާޅުވި އެވެ. "އެހެންވީމާ މި ހުރިހާ ސަބަބުތަކެއް މެދުވެރިވެގެން އެ މަނިކުފާން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކަމަށް ހަމަ ގައިމު ވެސް ފެންނަން ހުރި މަންޒަރުތަކުންނާއި ލިބިފައި ހުރި ހުރިހާ މައުލޫމާތުތަކަކުން އެނގިގެން ދިޔައީ."
މޭގައި ބަޑި ޖެއްސިއަސް ގާސިމް އިސްތިއުފާއެއް ނުދެއްވާނެ: ޑރ. ޑީޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ