ސަރުކާރު ވައްޓާލުމަކީ ގާނޫނު އަސާސީގައި އޮންނަ ކަމެއް ނޫން: މައުމޫން

ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ، ބަޔަކު ނުކުމެ ސަރުކާރު ވައްޓާލާ ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށާއި ސަރުކާރު ވައްޓާލުމަކީ ގާނޫނު އަސާސީގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.ކާނިވަލުގައި ކުރިއަށް ދާ ޖަލްސާގައި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ ގާނޫނުއަސާސީ ހިމާޔަތްކުރަން ނިކުންނަން ޖެހޭނީ ގާނޫނުއަސާސީ އަށް ފުރިހަމަ އަށް ތަބާވެ، އެއާ އެއްގޮތަށް އަމަލުކުރާ ބައެއް ކަމަށެވެ. ގާނޫނުއަސާސީގެ ހިމާޔަތުގައި މިހާރު ނުކުމެގެން އުޅޭ މީހުންނަކީ އެފަދަ ބައެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ."ގާނޫނުއަސާސީއާ ހިލާފުވި ބަޔަކު ކިހިނެއްތޯ ގާނޫނުއަސާސީ ހިމާޔަތްކުރާނީ؟ މަގުމަތިން ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބަޔަކު ނުވަތަ ޖާނުން ފިދާވާން މަސައްކަތްކުރާ މީހުން ކިހިނެއްތޯ ގާނޫނުއަސާސީ ހިމާޔަތްކުރާނީ؟" މައުމޫން ސުވާލު ކުރެއްވި އެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ހިމާޔަތްކުރުމަކީ ޕީޕީއެމްގެ ވެސް މަގްސަދެކެވެ. ގާނޫނުއަސާސީއަކީ ހައްގުތައް ކަށަވަރުކޮށްދި ހަމަހަމަކަން ގާއިމްކޮށްދޭ ލިއުން ކަމަށާއި ގާނޫނުއަސާސީ ހިމާޔަތްކުރުން ހުރިހާ ރައްޔިތުންގެ މައްޗަށް ވެސް ލާޒިމްކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ވެރިކަން ބަދަލުކުރާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ ޖާނުން ފިދާވެގެން ނޫން ކަމަށެވެ. ޑިމޮކްރަސީގައި އަދި ގާނޫނުއަސާސީގައި އެކަން ކުރަން އޮންނަނީ މިނިވަން އިންތިހާބަކުން ކަމަށް ވެސް ވިދާޅުވި އެވެ.ގާނޫނުއަސާސީގެ ނަމުގައި މުޒާހަރާ ކުރާއިރު ގާނޫނުއަސާސީގައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭނީ ގައުމުގެ އަމާންކަން ނުގެއްލި ވިޔަފާރިވެރިންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށެވެ. އޭރުން އެ މަސައްކަތަކީ ދެކޮޅު ނުޖެހޭ މަސައްކަތެއް ކަމަށް ރައްޔިތުން ނުބުނާނެ ކަމަށް ވެސް ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ޑިމޮކްރަސީގެ ހުކުމްތައް ވަރުގަދަކުރަން އުފައްދައި އެ މަގްސަދުގައި މަސައްކަތް ކުރާ ޕާޓީއެކެވެ. އަދި އިސްލާމް ދީނާއި ގާނޫނުތަކަށް އަބަދުވެސް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ