އުމަރު މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

ހޯމް މިނިސްޓަރު އުމަރު ނަސީރާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ ހެނދުނު 11:00 ޖެހިއިރު އެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ބުނެފަ އެއް ނުވެ އެވެ.
މިމައްސަަލައިގައި މިއަދާއި މިދިޔަ އަންގާރަ ދުވަހު ބާއްވަން މަސައްކަތް ކުރި އަޑުއެހުން ވެސް ކެންސަލް ކުރަންޖެހުނީ އުމަރު ރާއްޖެ އިން ބޭރަށް ވަޑައިގަތުމާއި ގުޅިގެންނެވެ.
އުމަރާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ކޯޓުގައި މިއަދު ތާވަލްކުރީ ވެސް އުމަރު ރާއްޖެ އިން ބޭރުގައި ހުންނެވިކަމަށް ހޯމް މިނިސްޓްރީން ކޯޓަށް އަންގާފައިވަނިކޮށެވެ.
އުމަރުގެ މައްސަލައިގައި މިދިޔަ އަންގާރަ ދުހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް އުމަރު ވަޑައިނުގަންނަވައިފިނަމަ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އުމަރަކީ މިނިސްޓަރަކަށްވާތީ މިނިސްޓަރަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަންޖެހޭ ހިސާބަށް ކަންކަން ނުގެންދިއުމަށާއި އެގޮތަށް އަމަލުކުރަން މަޖުބޫރު ނުކުރުމަށް ވެސް ގާޒީ އެ ދުވަހު އެދިވަޑައިގެންނެވި އެވެ.
ގާޒީ ވިދާޅުވީ އުމަރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެވަޑައިގަތުމަށްފަހު ކަމަށެެވެ. އަދި އުމަރަށް ކޯޓަށް ހާޒިރުވެވެން ނެތް ކަން ހޯމް މިނިސްޓްރީން ކޯޓަށް އަންގަނީ ޝަރީއަތް ބާއްވާ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މިދިޔަ އަންގާރަ ދުވަހަށް އަޑުއެހުމެއް ތާވަލްކުރީ އެދުވަހަށް އުމަރު މާލޭގައި ހުންނަވާނެ ކަމަށް އެންގުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އުމަރު ކޯޓަށް ހާޒިރުނުވުމަކީ ކޯޓަށް ދަތިކުރުމަށް ކުރާ ކަމެއްގެ އިތުރުން ވަގުތު ބޭކާރު ކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ގާޒީ ސިފަކުރެއްވި އެވެ.
ކޯޓުގެ މިވާހަކަތަކަށް ރައްދު ދެމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖެ އިން ބޭރަށް ވަޑައިގެން އުޅުއްވަނީ ރަސްމީކަމެއްގައި މާކުރިން ހެދިފައިވާ އެޕޮއިންޓްމަންޓް ތަކެއްގެ ދަށުން ކަމަށްވާތީ އެ ދަތުރުތައް ކެންސަލް ކުރެވެން ނެތުމުން ކަމަށެވެ. އުމަރަކީ ކޯޓަށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި، އަންނަ ހޯމަ ދުވަހު އުމަރު މާލެ ވަޑައިގެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖެއަށް ކުއްތާ ގެނައުމަށްޓަކައި އުމަރު ނަސީރު މިވަގުތު ވަޑައިގެން ހުންނެވީ ނެދަލޭންޑުގަ އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އުމަރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ