ރެޑް ކުރެސެންޓުން ހުޅުމާލެއިން ބިމެއް ގަންނަނީ

ދިވެހި ރެޑް ކްރެސެންޓުގެ އޮފީސް އިމާރާތެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ގަތުމަށް ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑްކްރެސެންޓުގެ ރައީސް އަބްދުﷲ އަލީ ވިދާޅުވީ ރެޑް ކްރެސެންޓަށް ހުޅުމާލެއިން ބިން ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ހުރިހާ ކަމެއް ހަމަޖެހުމާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝީ ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލް އަބްދުއް ރައްޒާގު އަލީ ވިދާޅުވީ ހުޅުމާލެ އިން ހަމަޖައްސާ ބިމުގެ ކަންކަން މުޅިން ހަމަޖެހޭނީ ސަރުކާރުގެ ފަރާތުން ރައީސް އޮފީހުން އެކަމުގައި ޔަގީންކަމެއް ދިނުމުން ކަމަށެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުންދާ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޒާގު ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށް ގެންދެވިފައި ހުރި ގޮތުން އަންނަ އަހަރު އިމާރާތުގެ ބިންގާ އެޅި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް އިމާރާތުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.
"މި ބިމަކީ އަޅުގަނޑުމެންގެ ފެށުން ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެނަށް ލިބޭ ބިމުގައި އިމާރާތެއް އަޅާ އެ އިމާރުތުގައި މަސައްކަތްތައް ފަށާފައި ދެން އިތުރަށް ހުރި ތަންތަނަކީ އަޅުގަނޑުމެނަށް ފައިސާ ހޯދޭނެ ގޮތްތައް ކަމަށް ބަލައިގެން އޭގެ ޕްލޭންތައް ކުރިއަށް އެބަގެންދަން،" ރައްޒާގު ވިދާޅުވި އެވެ.
ރެޑް ކްރޮސެންޓް ޖަމާއަތަކީ އިންސާނިއްޔަތަށް ހިދުމަތް ކުރާ ބަޔަކަށްވާތީ ހުޅުމާލެ އިން އެ ޖަމާއަތަށް ބިން ވިއްކަން ނިންމާފައިވަނީ ހުޅުމާލޭ އިން ވިޔަފާރި އުސޫލުން ބިން ވިއްކާ އާންމު ރޭޓަށް ވުރެ އަގު ހެޔޮކޮށް ކަމަށް ވެސް ރައްޒާގު ވިދާޅުވި އެވެ. އެގޮތުން މިހާރު ހުޅުމާލެއިން އަކަފޫޓެއް ވިއްކަނީ 1950 ރ. އަށް ކަމަށާއި، ނަމަވެސް ރެޑް ކްރެސެންޓަށް އެޗްޑީސީން ބިން ވިއްކަން ނިންމާފައިވަނީ އަކަފޫޓެއް 450 ރ. އަށް ކަމަށް ވެސް ރައްޒާގު ވިދާޅުވި އެވެ. އަދި އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ